ރައީސް ޑރ. މުއިއްޒު، ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުމެއް ނުކުރައްވާނެ: މުހްތާޒު

4 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުން ނުކުރައްވާނެ ކަމުގައި ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.


މުހްތާޒު މިފަދައިން ވިދާޅުވެފައި މިވަނީ ކުށްވެރިންނާ ގުޅުވައި، ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ފޮލިސް އަހްމަދު ޝިފާން ދެއްކެވި ވާހަކައަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްވި ރައްދާއި ގުޅިގެންނެވެ.


ޝިފާން ވިދާޅުވެފައިވަނީ ި މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ހަގީގަތެއް ކަމަށެވެ. އަދި އެކަން އިތުރުވެފައިވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި މުޖުތަމައުއަށް ދޫކޮށްލާފައިވާތީ ކަމަށެވެ.


މީގެއިތުރުން ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސް ދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައި ވުމުންކަން ފާހަގަކުރައްވައި، ޝިފާން ވަނީ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށް ވެސް ވިދާޅުވެފައެވެ.


ޝިފާންގެ މި ވާހަކަތަކާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުގައި ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަ ކަމަކަށް ދިރާސާތަކުން ނުދައްކާ ކަމަށެވެ. އަދި އައު ސަރުކާރު އައުމުންނާއި މަޖިލިސް އިންތިހާބަށް ސަރުކާރުން ދޫކުރި މީހުންގެ އަދަދު ހާމަކުރަން މާރިޔާ ވަނީ ގޮވާލައްވާފައެވެ.


މާރިޔާގެ މި ވާހަކަތަކަށް އިޝާރާތް ކުރައްވައި، މުހްތާޒު ވަނީ ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުންކުރުމަކީ އައު ސަރުކާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއްނޫން ކަމަށް ވިދާޅުވެފައެވެ.


މީގެއިތުރުން ކުރީގެ ސަރުކާރޭ ކިޔައިގެން ވަގުތު ބޭކާރުނުކޮށް ހުއްޓިފައިވާ ޖިނާއީ އަދުލުގެ ނިޒާމު ހަލުވިކުރުމަށް ރައީސް މުއިއްޒު ގެންދަވަނީ މަސައްކަތްކުރައްވަމުން ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ވެސް މުހުތާޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު