ދައުލަތުން ސިޔާސީ ޕާޓީތަަކަށް ދޭ ފައިސާ އެމްޑީޕީގެ އިސްވެރިން ބޭނުންކުރޭ: މޫސަ

4 months ago

އަފްރާހް

ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ އެމްޑީޕީގެ އިސްވެރިން ބޭނުން ކުރާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.


އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެމްޑީޕީ އަށް 15.1 މިލިއަން ރުފިޔާ ދީފައިވާކަން ފާހަގަ ކުރައްވައި، 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ މާޒީވި 17 ވަރަކަށް އަހަރު ވެސް ދާއިރާތަކަށް ފައިސާ ނުދީ ބޮޑުން ބޭނުން ކޮށްފައިވާ ކަމަށެވެ.


އެ އުސޫލު ދޫކޮށް، އެމްޑީޕީގެ ހުރިހާ ދާއިރާތަކަށް ނިސްބަތުން ޕާޓީ ހިންގުމުގެ ހަރަދު ދޭނެ އުސޫލެއް ކަނޑައަޅައި، ފައިސާ ދިނުމަށް މޫސަ ވަނީ އެދިވަޑައިގެންފައެވެ.


މޫސަގެ މި ތުހުމަތަށް ރައްދުދެއްވައި، އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޕާޓީގެ އިސް އެއްވެސް މަގާމެއްގައި މުސާރަވެރިއަކު ވެސް ނުހުންނާނެ ކަމަށެވެ.


އަނަސް ވިދާޅުވީ މުސާރަ ދެނީ ހަމައެކަނި ޕާޓީގެ އިދާރާގައި ތިބޭ މުވައްޒަފުންނަށް ކަމަށެވެ.


މީގެއިތުރުން ޕާޓީން އަބަދުވެސް ހަރަދު ކުރަނީ ކަނޑައެޅިފައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ހަރަދު ކުރަނީ ޕާޓީގެ ހަރަކާތްތަކަށް ކަމަށެވެ.


އޭގެތެރޭގައި ގައުމީ ހުރިހާ އިންތިހާބުތަކެއްގެ ކެމްޕެއިނާއި ޕާޓީގެ ޕްރައިމަރީތައް ބޭއްވުމަށް ހަރަދުކުރާ ކަަމަށް އަނަސް ވިދާޅުވިއެވެ.


އީސީިން ވަނީ ސިޔާސީ ހަ ޕާޓީއަކަށް ފައިސާ ދޫކޮށްފައެވެ. އެއީ ޕީޕީއެމްއަށް 10.4 މިލިއަން ރުފިޔާ، އެމްޑީޕީއަށް 15.1 މިލިއަން ރުފިޔާ، ޕީއެންސީއަށް 8 މިލިއަން ރުފިޔާ، ޖުމްހޫރީ ޕާޓީއަށް 5.3 މިލިއަން ރުފިޔާ، އަދާލަތު ޕާޓީއަށް 2.5 މިލިއަން ރުފިޔާ އަދި އެމްޑީއޭއަށް 2.4 މިލިއަން ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު