އެފްއޭއެމްގެ ރައީސް، ފީފާ އިން ސަސްޕެންޑު ކޮށްފި

4 months ago

އަފްރާހް

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސީސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު ސަސްޕެންޑުކޮށްފިއެވެ.


ފީފާ އިން ނެރެފައިވާ ބަޔާނެއްގައި ވަނީ މި ނިންމުމަކީ ރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އިން ކުރަމުން އަންނަ ތަހުގީގުގެ ކަންކަމަށް ބަލައި، ފީފާގެ އިންވެސްޓިގޭޓަރީ ޗެންބަރުން ނިންމި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.


ބައްސާމުގެ ސަސްޕެންޑުގެ ދުވަސްތައް ގުނަންފެށިކަން އޭނާ އަށް އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.


މީގެއިތުރުން އެފްއޭއެމްގެ އެންމެ އިސްވެރިޔާގެ މަގާމުގެ ނުފޫޒު ބޭނުންކޮށް، ބައްސާމް ހަދިޔާ ހޯދުމާއި ރާއްޖެއަށް ލިބޭ ފަންޑް/ފައިސާ ނަަހަަމަ ގޮތުގައި ބޭނުންކުރުމުގެ ކަންތައްތަކެއް ކޮށްފައިވާކަމުގެ މައުލޫމާތު ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ހޯދި ހޯދުމުން، ލިބިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.


އެހެންކަމުން މި ކަންކަމުގެ ތަހުގީގު އިތުރަށް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ވެސް ފީފާގެ ބަޔާނުގައި ވަނީ ބުނެފައެވެ.


ބައްސާމް، ފީފާ އިން ސަސްޕެންޑުކޮށްފައިވާއިރު، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނަވައި ދެވަނަ ދައުރު އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހަށް ހަމަވާނެއެވެ.


ބައްސާމްގެ މައްޗަށް، ޕީޖީ އޮފީހުން އުފުލި ޚިޔާނާތާއި ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް ވެސް މިހާރުއޮތީ ހިފަހައްޓާފައެވެ.


ކިޔުންތެރިންގެ ހިޔާލު