ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ހިންގުމަށް ހުށަހަޅާފައިވަނީ ބޮޑު އަގެއް: މިނިސްޓަރ

4 months ago

އަފްރާހް

ރާއްޖޭގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ހެދުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވަނީ ބޮޑުއަގެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.


މި ބަސްދީގަތުގައި މިނިސްޓަރ ވިދާޅުވީ އެއީ މެލޭޝިއާގެ ކުންފުންޏެއް ކަމަށާއި އަދި އެއީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ފަރުވާ ހޯދުމަށް ގިނަބަޔަކު ދާ ސެންޓަރުތައް ހިންގަމުން އަންނަ ކުންފުންޏެއް ކަމަށެވެ.


އެހެންނަމަވެސް އެ ކުންފުނިން ހުށަހަޅާފައިވަނީ ބޮޑު އަގަކަށްވާތީ އެ ހިދުމަތް ދިނުމުގައި އިތުރު ގޮތްތައް ބަލަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ޕްރޮޕޯސަލާއި ގުޅިގެން މަޝްވަރާތައް ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން މިނިސްޓަރ ވަނީ އަމިއްލަ ފަރާތްތަކުން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ހިދުމަތް ދިނުމަކީ އެކަމުގެ ސަބަބުން ވާދަވެރިކަން އިތުރުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމެއްކަމުގައި ވެސް ފާހަގަކުރައްވާފައެވެ. އަދި އުއްމީދަކީ މިފަދަ ސެންޓަރުތަކުގެ ހިދުމަތް އަމިއްލަ ފަރާތްތަކުން ރާއްޖޭގައި ދޭން ފެށުން ކަަމަށް ވެސް ވިދާޅުވިއެވެ.


ނޭޝަނަލް ޑްރަގް އެޖެންސީން ހުޅުވާލި ފުރުޞަތުގެ ދަށުން ޤާއިމުކުރާ ރިހެބިލިޓޭޝަން ސެންޓަރުތަކުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ގިނަ ހިދުމަތްތަކެއް އެ ސެންޓަރުތަކުން ފޯރުކޮށްދޭން ޖެހެއެވެ.


އެގޮތުން އައުޓްޕޭޝަންޓް ޑީޓޮކްސިފިކޭޝަން ހިދުމަތާއި ސައިކޭޓްރިކް އިވެލުއޭޝަނާއި ކައުންސެލިންގ، ސައިކޯ-ސޯޝަލް ތެރަޕީއާއި ޑްރަގް ޓެސްޓް ކުރުން، އަދި ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމުގެ ހިދުމަތް މި ސެންޓަރުތަކުން ފޯރުކޮށްދޭންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު