ދޮންކަލޭފާނު ކަޕް ޖޫން 27 ގައި ފަށަނީ

4 months ago

އަފްރާހް

އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީން ބާއްވާ ދޮންކަލޭފާނު ކަޕް މި ހިނގާ ޖޫން މަހުގެ 27 ވާ ބްރާސްފަތި ދުވަހު ފެށުމަށް ނިންމައިފިއެވެ.


މިއަހަރުގެ މުބާރާތުގައި ފިރިހެން 9 ޓީމާއި އަންހެން ދެ ޓީމު ބައިވެރިވެފައިވާއިރު، ފިރިހެން 9 ޓީމު ވަނީ ދެ ގްރޫޕަށް ބަހައިލާފައެވެ.


އެގޮތުން ގްރޫޕު އޭ ގައި ހިމެނެނީ ޖީޓީ ޔުނައިޓެޑް، އަޓެކްސިއާ، ޓަވަރ ސޮކަރ ޓީމް، ފާރމަސީ އެފްސީ އަދި އޭޑީކޭ ފްރެންޑްސް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޖީޠީ ލަޔަންސް، ކްލަބް އޯޖީ، އޯޖީ ސްކޮޑް އަދި ކަންމަތި ބްރޯސް އެވެ.


އޭޑީކޭ ގައި އުފައްދާފައި އޮންނަ 'އޭޑީކޭ ސިނަރޖީ" އިން އިންތިޒާމުކުރާ މި މުބާރާތުގައި ބައިވެރިފައިވާ ހަމައެކަނި އަންހެން ދެ ޓީމަކީ ފަޔަރ ފްލޭމްސް އާއި ފިސާރި އެވެ.


ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބާއްވާ މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވާއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ ޖޫން 27 ވަނަ ދުވަހުގެ ހަވީރު 5 ޖަހާއިރުއެވެ. އަދި މުބާރާތް ހުުޅުވުމުގެ ގޮތުން 5:15 ގައި ކުޅޭނީ އަންހެން ދެޓީމު ކަމަށްވާ ފަޔަރ ފްލޭމްސް އާއި ފިސާރި ބައްދަލުކުރާ މެޗެވެ.


މުބާރާތުގެ ގްރޫޕު ސްޓޭޖުގެ މެޗުތައް 27 ވަނަ ދުވަހުގެ ރޭގަނޑާއި 28 ވާ ހުކުރު ދުވަހުގެ ހެނދުނު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ހުކުރު ދުވަހުގެ ހަވީރުއެވެ.


މި މުބާރާތުގައި ބައިވެރިވި ހަމައެކަނި އަންހެން ދެޓީމުގެ މެދުގައި ކުޅޭ ދެވަނަ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރޭ 8 ޖަހާއިރުއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ 9 ޖަހާއިރުއެވެ.


މިއީ އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގައި ހިމެނޭ ހުރިހައި ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދައި، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމަށް ބާއްވާ މުބާރާތެކެވެ. އަދި އެކި ޑިޕާޓްމެންޓުތަކުގައި ވަޒީފާ އަދާކުރާ އެންމެން އެއްތާކުން ބައްދަލުވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުގެ ފުރުސަތު ދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގްސަދެކެވެ.


ކިޔުންތެރިންގެ ހިޔާލު