ކޮލެސްޓްރޯލް ދަށްކުރުމަށް ހިނކަދިފަތް އެހީވެދޭ

4 months ago

އަފްރާހް

ދުނިޔޭގައި ވަރަށް ގިނަ ބަޔަކު އަންނަނީ ކޮލެސްޓްރޯލް މަތިވުމުގެ ބަލި ތަހައްމަލު ކުރަމުންނެވެ. މިއީ އާންމުގޮތެއްގައި ކެއުން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ބެހެއްޓޭ ގޮތުން ދިމާވާކަމެއް ކަމުގައި ދިރާސާތަކުން ދައްކައެވެ.


ކޮލެސްޓްރޯލަކީ ވެސް އަހަރުމެންގެ ހަށިގަނޑަށް ކޮންމެވެސް މިނަވަރަކަށް ބޭނުންވާ މާއްދާއަކަށްވީނަމަވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކޮލެސްޓްރޯލް ހުރެއްޖެނަމަ އެއީ އިންސާނާގެ ހަށިގަނޑަށް އޭގެ ގެއްލުން ބޮޑުވާ ކަމެކެވެ. ކަންމިހެން އޮތްއިރު، ކޮލެސްޓްރޯލު ވެސް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަކީ މުހިންމުކަމެއްތާއެވެ.


ކޮލެސްޓްރޯލް މަތިވުމުން ފެންނާނެ އަލާމައްތަކަށް ބަލައިލާއިރު، ލޭމައްޗައް ދިޔުމާއި ނޭވާ ކުރުވުމާއި މޭގައި ރިއްސުން ހިމެނެއެވެ. އަދި ބޮލަށް އެންބުރުން އެރުމާއި ގައިން ވަރުދެރަވުން ވެސް ހިމެނެއެވެ.


ކޮލެސްޓްރޯލް މައްޗަށް ދިއުމުން ހަށިގަނޑުގައިވާ ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް ބޭނުންކުރަން ޑޮކްޓަރުން ވެސް އަދި ދިވެހި ބޭސްވެރިން ވެސް އިރުޝާދު ދޭ އެކައްޗަކީ ހިކަނދިފަތެވެ. އަދި ގިނަ ބޭސްތަކެއް ބޭނުން ކުރުމުގެ ބަދަލުގައި މި ފަދަ ގުދުރަތީ ފަތްޕިލާވެލި ބޭނުންކުރުމުން މާ ފައިދާ ބޮޑުވާނެ ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.


އެފަރާތްތަކުން އިރުޝާދު ދޭ ގޮތުގައި ހިކަނދިފަތް ބޭނުން ކުރުމަށް އެންމެ ރަނގަޅީ ދިޔަ ފެލައިގެން ނުވަތަ ޖޫހެއްގެ ގޮތުގައި ގިރައިގެންނެވެ. އެއީ ވެސް (ހަކުރު ނާޅާ) އެވެ. އަދި ހިކަނދިފަތު ދިޔަ ބޭނުންކުރާ ނަމަ ފަތުން ދިޔަ ފެލައިލުމަށްފަހު ފެންފޮދެއް އަޅައިގެން ބޯލުމަށް އިރުޝާދު ދެއެވެ.


ހަމަމިއާއެކު މި ބުއިމަކާއެކު ކަސްރަތަކީ ވެސް ކޮލެސްޓްރޯލް ދައްކުރުމަށް ވަރަށް މުހިންމު ކަމަކަށްވާތީ، ކޮންމެ ދުވަހަކު ވެސް އެންމެމަދުވެގެން 20 މިނެޓު ކަސްރަތަށް ހުސްކޮށް، ކަސްރަތު ކުރުމަށް ޑޮކްޓަރުންނާއި ކަމުގެ މާހިރުން ލަފާދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު