ސޮނާކްޝީ އާއި ޒަހީރު ކައިވެނި ކޮށްފި

3 months ago

ސާއި

ބޮލީވުޑްގެ ލެޖެންޑްރީ އެކްޓަރ ސަތްރުގަން ސިންހަ ގެ އަންހެން ދަރިފުޅު ސޮނާކްޝީ ސިންހަ އާއި ބޮލީވުޑްގެ އެކްޓަރ ޒަހީރު އިގްބާލް ކައިވެނި ކޮށްފިއެވެ.


ޖޫން 23 ވީ އާދީއްތަ ދުވަހު ކުރި މި ކައިވެނީގެ ހަފުލާގައި ބައިވެރިވެފައިވަނީ ސޮނާކްޝީއާއި ޒަހީރުގެ އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިން ކަމަށް ޚަބަރުތައް ބުނެއެވެ.


ސޮނާކްޝީއާއި ޒަހީރު ކައިވެނިކުރިކަން ސޮނާކްޝީގެ އިންސްޓަގްރާމްގައި ހާމަކޮށްފައިވާއިރު، ކައިވެނީގެ ހަފްލާގެ ފޮޓޯތައް ވެސް މީސްމީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.


އިންޑިއާގެ ބައެއް ނޫސްތަކުން ކުރިންބުނެފައިވަނީ ސޮނާކްޝީގެ ބައްޕަ ސަތްރުގަން ސިންހަ އާއި މަންމަ، ޕޫނަމް ސިންހަ އާއި ބޭބެ ލަވް ސިންހަ ވެސް މި ކައިވެންޏާ ނުގަބޫލުކަމަށެވެ. އަދި މަންމަ އާއި ބޭނެ، ސޮނާކްޝީގެ އިންސްޓަގްރާމު ފޮލޯ ކުރުން ހުއްޓާލާފައިވާ ކަމަށް ވެސް ބައެއް މަސްދަރުތަކުގައި ބުނެފައިވެއެވެ. ނަމަވެސް ކައިވެނި ހަފުލާ އިން ސަތްރުގަން ސިންހަ ވަނީ ފެނިފައެވެ.


އުމުރުން 37 އަހަރުގެ ސޮނާކްޝީ އާއި 33 އަހަރުގެ ޒަހީރުގެ ލޯބީގެ ވާހަކަތައް އެންމެފުރަތަމަ ފެންމަތިވީ 2018 ވަނަ އަހަރުއެވެ. އެ ދެމީހުންގެ ލޯބީގެ ސިލްސިލާ އެމީހުން އާންމުންނަށް ހާމަކުރީ 2022 ވަނަ އަހަރުއެވެ.


ސޮނާކްޝީ އާއި ޒަހީރު އިގްބާލް ބޮލީވުޑަށް ތައާރަފްވީ އެކްޓަރ، ޕްރޮޑިއުސަރ ސަލްމާން ޚާންގެ ފިލްމަކުންނެވެ. އެގޮތުން 2010 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަބަންގް" އިން ސޮނާކްޝީ ވިދާލިއިރު، ޒަހީރުގެ ފުރަތަމަ ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްކުރި "ނޯޓްބުކް" އެވެ. އަދި މި ދެ ތެރިން އެކުގައި ވަނީ ފިލްމު "ޑަބަލް އެކްސެލް" އިން ފެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު