މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ތޮޅިއަށް!

3 months ago

އަފްރާހް

އައްޑޫ ސިޓީގައި މަސްވެރިން ކުރަމުންދާ މުޒާހަރާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.


އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވި ނަމަވެސް ޖަލްސާ އަށް ހާޟިރުވެފައެއް ނުވެއެވެ.


އެހެންކަމުން މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެއް މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު މެންބަރަށް އެރުވިނަމަވެސް އެ މެމްބަރު ތަޅުމަށް ހާޟިރުވެ ނެތުމުން މި ވަގުތު ކުއްލި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވިއެވެ.


އިދިކޮޅު ސިޔާސީ އެންމެބޮޑު ޕާޓީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މި ޖޫން މަހުގެ 23 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބުނެފައިވަނީ މަސްވެރިނަށް ބާނާ މަހަށް ފައިސާ ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރިހައި ކަމެއް ކުރާނެ ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ބުނެފައި ވެއެވެ.


މިފްކޯ އިން މަސްވެރިން އަތުން މަސް ގަތުމަށްފަހު، ފައިސާ ނުދޭ މައްސަލަ އާއި ގުޅިގެން އައްޑޫ ސިޓީގައި މަސްވެރިން އިހުތިޖާޖު ކުރަމުން އަންނަތާ މިހާރުވަނީ ފަސް ދުވަސް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު