5 months ago
ރާއްޖޭގައި މާރާމާރީތައް ހިންގާ، ފާޅުގައި ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގާ ވާހަކައަކީ އައު އަޑެެއް ނޫނެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންގެ ތެރޭގައި ވެސް ކުޑަކުދިން ގިނަވާހަކަ ނުވަތަ އެތަކެތީގެ ވިޔަފާރި ކުރުވާފަރާތްތަކުން ކުޑަކުދިން އިސްސަފަށް ނެރޭކަމީ ވެސް އެންމެން ދަންނަ ހަގީގަތެކެވެ. އަދި މިފަދަ ވިޔާނުދާ ޢަމަލުތަކުގެ ޝިކާރައަށް ވަމުން އަންނަ ކުޑަކުދިންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، ކުށްކުރާ ގޭންގުތަކާ ގުޅުން އޮންނަ 400 އެއްހައި ކުޑަކުދިން އެބަތިބި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.
ދުލުން ބުނަން ގަލަމުން ލިޔެލަން ވަރަށް ކުޑަ އަދަދެކެވެ. އެކަމަކު އެއީ އެންމެފުރިހަމަ އަދަދުކަމާއިމެދު ވެސް ސުވާލު އުފެދެއެވެ. ސަބަބަކީ އެފަދަ ޢަމަލުތައް ހިންގާ ނުވަތަ ހިންގުވާ ފަރާތްތަކުގެ ނެޓްވޯކުތައް އެކި ދިމާލަށް ފެތުރިފައިވާލެއް ބޮޑުކަމުންނެވެ.
މިނިސްޓަރ އިހްސާން ވިދާޅުވެފައިވަނީ މިއީ އެންމެ ފަހުން މިނިސްޓްރީން ހެދި އެސެސްމަންޓުތަކުން ދެނެގަނެވިފައިވާ އަދަދު ކަމަށާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ގާނޫނުތައް އިސްލާހުކޮށް، ފުލުހުންނަށް ބާރުވެރިކަން ދީގެން ކަމަށެވެ.
އެގޮތުން ގޭންގުތައް ހުއްޓުވަން ގޭންގުތަކަށް ފައިސާ ލިބޭނެ މަގުތައް ބަންދުކުރަން ޖެހޭ ކަމަށާއި ގޭންގުތަކަށް ރެކްރޫޓުކުރާ ކުދިން ހުއްޓުވަން ޖެހޭ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެފައިވާއިރު، ސަރުކާރުގެ ވިސްނުމަކީ ކުށްކުރާ ގްރޫޕުތަކާ ގުޅުން އޮންނަ ކުދިން 18 އަހަރު ވަންދެން 'ހޯޕް އައިލެންޑުގައި ބޭތިއްބުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެއަށް ފަހު، އެ ކުދިންނަށް 18 އަހަރުވުމުން އެސެސްމަންޓު ހެދުމަށް ފަހު މޮނިޓަރިންގ ގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާނެ ކަމަށާއި އެ ނޫން ކުދިން ސިފައިންނާއި ފުލުހުންގެ ތެރެއަށް ރެކްރޫޓު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަންނަނީ މިފަދަ ގިނަ ވައުދުތަކާއި އަހުދުތައް ދައްކައި، ރައްޔިތުންނަށް މާމުއި ބޯންދެމުންނެވެ. އެހެންނަމަވެސް "ކީހައި ޅެން ފަރިއްސަށް" ވެ ނިމިދަނީ ކަނޑުގައި އަޅައިލާ ރޮނގެއް ފަދައިންނެވެ.
ކޮންމެ ގައުމެއްގައި ވެސް މުސްތަގުބަލަކީ އެ ގައުމެއްގެ ކުޑަކުދިން ކަމުގައިވާއިރު، އަތް އުރައުރާލައިގެން ތިބެވޭކަށް ނެތެވެ. އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލާއި ދަރީންގެ ދަރީންނަށްޓަކައި މި ގައުމުގެ ސުލްހަވެރިކަމާއި އަމަންއަމާންކަން މޮޑެވިގެންދާތަން ބަލަންތިބެވޭކަށް ނެތެވެ.
މިގައުމާއި އަޅުގަނޑުމެންގެ ޅަ ޖީލު މަސްތުވާތަކެއްޗާއި މާރާމާރީ ފަދަ ވަބާތަކުން ސަލާމަތްކުރުމުގެ ނަމުގައި 'ދިއުޅި' ނުދަންމަވާށެވެ. އަވަސް ހައްލެއް ގެނެސްދެއްވާށެވެ.