ދޮންކަލޭފާނު ކަޕްގެ ފައިނަލަށް އޯގާ ގެ ދެޓީމު

3 months ago

އަފްރާހް

މިހާރުކުރިއަށްދާ ދޮންކަލޭފާނު ކަޕްގެ ފައިނަލަށް އޯގާ ރިސޯޓަށް ނިސްބަތްވާ ދެ ޓީމު ދަތުރުކޮށްފިއެވެ.


މި ދެޓީމު ފައިނަަލަށް ދިޔައީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.


އެގޮތުން ކްލަބު އޯޖީ ފައިނަލަށް ދިޔައީ ޖީޓީ ޔުނައިޓެޑާއި ބައްދަލުކުރި މެޗު ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެެވެ. އެއީ 0-8 ލަނޑުންނެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މުހައްމަދު އިރާޝް އެވެ.


އޯޖީ ސްކޮޑު ފައިނަލަށް ދަތުރުކުރީ ޓަވަރ ސޮކަރ ޓީމާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 3 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އަލީ އަޝްފާގުއެވެ.


ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިރޭ 9 ޖަހާއިރުއެވެ. އޭޑިކޭ ކޮމްޕެނީ އަށް ނިސްބަތްވާ ރިސޯޓެއް ކަމުގައިވާ އޯގާ ރިސޯޓުގެ ދެ ޓީމަކީ މުބާރާތުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ދެޓީމެވެ. އަދި އެ ދެ ޓީމުގައި ރިސޯޓު ފުޓްސަލް ލީގު ގައި ކުޅޭ ބައެއް ކުޅުންތެރިން ވެސް އަންނަނީ ކުޅެމުންނެވެ.


އެހެންނަމަވެސް މި މެޗުގެ ކުރިން މި މުބާރާތުގައި ބައިވެރިވި އަންހެން ދެޓީމު ކަމަށްވާ ފަޔަރ ފްލޭމްސް އާއި ފިސާރި ބައްދަލުކުރާ ދެވަނަ މެޗު މިރޭ 8 ޖަހާއިރު ކުޅޭނެއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ވެސް މި ދެޓީމުގެ މެޗެއް ކުޅެފައިވާއިރު، އެ މެޗު ކާމިޔާބުކުރީ ފިސާރި އެވެ. އެއީ 0-1 ލަނޑުންނެވެ.


'އޭޑީކޭ ސިނަރޖީ" އިން އިންތިޒާމުކުރާ މި މުބާރާތުގައި ފިރިހެން 9 ޓީމު ބައިވެރިވިއިރު، ވަނީ ދެ ގްރޫޕަކަށް ބަހައިލާފައެވެ. ސެމީފައިނަަލަށް ދަތުރުކުރީ ކޮންމެ ގްރޫޕަކުން ވެސް އެންމެގިނަ ޕޮއިންޓު ހޯދި ދެޓީމެވެ.


މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރ އަކަށް ހަމަޖައްސާފައިވަނީ 'އޮއިވަރ' އެވެ.


އީ އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގައި ހިމެނޭ ހުރިހައި ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދައި، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމަށް ބާއްވާ މުބާރާތެކެވެ. އަދި އެކި ޑިޕާޓްމެންޓުތަކުގައި ވަޒީފާ އަދާކުރާ އެންމެން އެއްތާކުން ބައްދަލުވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުގެ ފުރުސަތު ދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގްސަދެކެވެ.


ކިޔުންތެރިންގެ ހިޔާލު