ދޮންކަލޭފާނު ކަޕް: ފިރިހެން ޗެމްޕިއަންކަން ކްލަބް އޯޖީ އަށް

3 months ago

އަފްރާހް

ދޮންކަލޭފާނު ކަޕްގެ ފިރިހެން ޗެމްޕިއަންކަން ކްލަބު އޯޖީ ހޯދައިފިއެވެ.


ޖޫން 28 ވީ ހުކުރު ދުވަހުގެ ރޭ ހެންވޭރު ދަނޑުގައި ކުޅުނު ފައިނަލް މެޗު އެ ޓީމުން ކާމިޔާބުކުރީ އޯޖީ ސްކޮޑާއި ވާދަކޮށް 4 ލަނޑު ދެ ލަނޑުންނެވެ.


މި މެޗުގައި ކްލަބު އޯޖީ އަށް ގޯލުތައް ޖަހައިދިނީ އަލީ ހުޝާމް އާއި މުހައްމަދު ނާޖީ އެވެ. އޯޖީ ސްކޮޑުގެ ގޯލުތައް ޖަހައިދިނީ ނަފްޝާޒް ހަސަން އާއި މުހައްމަދު އިހުސާން އެވެ.


މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކްލަބު އޯޖީގެ އަލީ ހުޝާމްއެވެ. މިބައިގެ އެންމެ ޓޮޕް ސްކޯރަރ އަކަށް ހޮވުނީ ކްލަބު އޯޖީގެ މުހައްމަދު އިރާޝް އެވެ. ފެއަރޕްލޭ ޓީމަކީ ފާރމާ އެފްސީއެވެ.


ފިރިހެން ބައިގެ އެންމެމޮޅު ފަސް ކުޅުންތެރިންނަކީ ކްލަބު އޯޖީގެ މުހައްމަދު އިރާޝް، އިބްރާހިމް ރިޔާޒު، ޓަވަރ ސޮކަރގެ ސާމީ އަދި އޯޖީ ސްކޮޑުގެ މުހައްމަދު އިހްސާން އާއި އަބްދުލް މުހައްމަދު ލަތީފްއެވެ.


މިއަހަރު ފިރިހެން 9 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.


އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގެ "އޭޑީކޭ ސިނަރޖީ" ން އިންތިޒާމުކޮށް މި މުބާރާތް ބާއްވާފައިވަނީ ޖޫން 27 އަދި 28 ވަނަ ދުވަހުއެވެ.


މިއީ އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގައި ހިމެނޭ ހުރިހައި ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދައި، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމަށް ބާއްވާ މުބާރާތެކެވެ. އަދި އެކި ޑިޕާޓްމެންޓުތަކުގައި ވަޒީފާ އަދާކުރާ އެންމެން އެއްތާކުން ބައްދަލުވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުގެ ފުރުސަތު ދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގްސަދެކެވެ.


ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ މިއަހަރުގެ މީޑިއާ ޕާޓްނަރ އަކީ 'އޮއިވަރު' އެވެ.


ކިޔުންތެރިންގެ ހިޔާލު