ދޮންކަލޭފާނު ކަޕް: އަންހެން ޗެމްޕިއަންކަން "ފިސާރި" ހޯދައިފި

3 months ago

އަފްރާހް

ދޮންކަލޭފާނު ކަޕްގެ އަންހެން ޗެމްޕިއަންކަން "ފިސާރި" ހޯދައިފިއެވެ.


އެ ޓީމުން ޗެމްޕިއަންކަން ހޯދީ ޖޫން 28 ވީ ހުކުރު ދުވަހުގެ ރޭ ކުޅުނު ދެވަނަ ފައިނަލް މެޗު އެއްވަރުވިނަމަވެސް ފުރަތަމަ މެޗު ކާމިޔާބު ކޮށްފައިވާތީއެވެ.


މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އަންހެން ދެ ޓީމު ކަމަށްވާތީ، ކުޅުނީ ދެ މެޗެވެ. އޭގެތެރެއިން ކާމިޔާބު ހޯދާ ޓީމެއް ބެލުމަށް މުބާރާތް ހުޅުވި ދުވަހު ކުޅުނު މެޗު 0-1 ލަނޑުން ކާމިޔާބުކުރީ ވެސް ފިސާރިއެވެ.


ދެވަނަ މެޗު ކުޅުނީ 28 ވީ ބްރާސްފަތި ދުވަހުގެ ރޭ 8 ޖެހިއިރުއެވެ. އެއީ ފިރިހެން ފައިނަލު މެޗުގެ ކުރީންނެވެ.


އަންހެން ފުރަތަމަ މެޗެކޭ ވެސް އެއްގޮތަށް މި މެޗުގައި ވެސް ފޯރިގަދަ ކުޅުމެއް ފެނުނުއިރު، ފުރަތަމަ ހާފުގައި ފިސާރި ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ގޯލު ޖަހައިދިނީ ހަލީމަތު ޝިފާނާއެވެ.


އެހެންނަމަވެސް ފަހު ހާފުގައި ފަޔަރ ފްލޭމްސްގެ ކުޅުން އިތުރަށް ގަދަކޮށް، އެޓޭކިންގ އަށް ސަމާލުކަން ދިނުމުގެ ނަތީޖާއަކީ އައިމިނަތު ޝިފާނާ ޖަހައިދިން ގޯލުން ނަތީޖާ ހަމަހަމަވުމެވެ.


މި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެހެންވެ، ދެ ޓީމު ފުރަތަމަ ބައްދަލުކުރި މެޗުން ފިސާރި މޮޅުވެފައިވާތީ، އެއް ލެގުގެ ކާމިޔާބާއެކު ޗެމްޕިއަންކަން ލިބުނީ ފިސާރި ޓީމަށެވެ.


ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފަޔަރ ފްލޭމްސްގެ އައިޝަތު ލޫނާއެވެ. ތިން ގޯލު ޖަހައިގެން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ފިސާރި ޓީމުގެ ހަލީމަތު ޝިފާނާއެވެ.


މި މުބާރާތުގެ އަންހެން ބައިގެ އެންމެމޮޅު ފަސް ކުޅުންތެރިންނަކީ ފިސާރި ޓީމުގެ ހަލީމަތު ޝިފާނާ އާއި އެޓީމުގެ އައިމިނަތު ރައުނާ އާއި މައުޖޫދާ އިބްރާހިމް އަދި ފަޔަރ ފްލޭމްސްގެ ފާތިމަތު ޒިޔާ އާއި އައިޝަތު ލޫނާއެވެ.


އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގެ "އޭޑީކޭ ސިނަރޖީ" ން އިންތިޒާމުކޮށް މި މުބާރާތް ބާއްވާފައިވަނީ ޖޫން 27 އަދި 28 ވަނަ ދުވަހުއެވެ.


މިއީ އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގައި ހިމެނޭ ހުރިހައި ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދައި، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމަށް ބާއްވާ މުބާރާތެކެވެ. އަދި އެކި ޑިޕާޓްމެންޓުތަކުގައި ވަޒީފާ އަދާކުރާ އެންމެން އެއްތާކުން ބައްދަލުވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުގެ ފުރުސަތު ދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގްސަދެކެވެ.


ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ މިއަހަރުގެ މީޑިއާ ޕާޓްނަރ އަކީ 'އޮއިވަރު' އެވެ.


ކިޔުންތެރިންގެ ހިޔާލު