ގައުމީ ފުޓްސަލް ޓީމަށް މުސާރަ ނުދެވި އޮތީ އެފްއޭއެމްގެ ސަބަބުން

5 months ago

އަފްރާހް

ގައުމީ ފުޓްސަލް ޓީމަށް މުސާރަ ނުދެވި އޮތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ސަބަބުން ކަމަށް ސްޕޯޓްސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިއު ވިދާޅުވީ އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާ ކަމަށެވެ.


މީގެއިތުރުން ގައުމީ ޓީމުތަކަށް މުސާރަ ދޭ އުސޫލެއް ނޭޝަނަލް ސްޕޯޓްސް ކައުންސިލުން އެކުލަވާލައިފައިވާ ކަމަށާއި އެ މިނިސްޓްރީން ޢަމަލު ކުރަނީ އެ އުސޫލަށް ކަަމަށް ވެސް ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ މުސާރަދޭން ވަކި ކްރައިޓީރިއާތަކެއް ހުންނަކަމަށާއި މުސާރަ ދެވޭނީ އެ ކްރައިޓީރިއާތައް ހަމަކޮށްގެން ކަމަށެވެ.


ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުމުގެ ހާއްސަ އުސޫލެއް އެކުލަވާލައި، ގައުމީ ސްކޮޑުތަކުގައި ހިމެނޭ ކުޅުންތެރިންނަށް މުސާރަ ދެމުންދަނީ ޔޫތު މިނިސްޓްރީންނެވެ. 


އެހެންނަމަވެސް، އެ އުސޫލު ތެރޭގައި ވާގޮތުން މިނިސްޓްރީއަށް މައުލޫމާތުތައް ފޯރުކޮށްދީ، އެކަންކަން ރެގިއުލޭޓް ކުރަމުންދަނީ އެސޯސިއޭޝަންތަކުންނެވެ. އެހެންވެ، މުސާރައިގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރާ، ފުޓްސަލްގެ ބެލެނިވެރި ފަރާތަކީ އެފްއޭއެމްއެވެ. 


އެއީ ފީފާގެ ދަށުން އެފްއޭއާ މަތިކޮށްފައި އޮތް ޒިންމާއެއް ނަމަވެސް، އެފްއޭއެމްއިން މިހާތަނަށް ފުޓްސަލްއަށް މާ ބޮޑަށް އަޅާލާފައެއް ނުވެއެވެ. 


ކިޔުންތެރިންގެ ހިޔާލު