މިރާލް އާއި ޢުލްޔާ، ފެތުމުން ގައުމީ ރެކޯޑުތަކެއް އައު ކޮށްފި

5 months ago

އަފްރާހް

މިރާލް ޢައިން ލަތީފް އާއި ޢާއިޝަަތު ޢުލްޔާ ޝާއިޤް ފެތުމުން ގައުމީ ރެކޯޑު އައުކޮށްފިއެވެ.


މި ދެ ފެތުންތެރިންގެ ތެރެއިން މިރާލް އައުކޮށްފައިވަނީ އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބަޓަރފްލައި އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެއެވެ.


ޔޫކޭ ގައި ކުރިއަށްދިޔަ ރަޝްމޫރ ރޯޔަލްސް ސަމަރ (އެލް2) ޝޯރޓްކޯސް އޯޕަން މީޓް 2024 ގައި މިރާލް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފައިވަނީ 01:13.94 އިންނެވެ. އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އައުކުރީ 02:45.14 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


މި ދެ އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އައު ކުރީވެސް މިރާލް އެވެ. އެއީ 2023 ވަނަ އަހަރު ބޭއްވި ޓައުޓަން ޑީން، މިލްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔަރގައި 01:14.76 އިން 100 މީޓަރ ބަޓަރފްލައި އިވެންޓު އަދި 02:48.74 އިން 200 މީޓަރ އިންޑިވިޑުއަލް މެޑްލޭ އިވެންޓު ފުރިހަމަކޮށްގެންނެވެ.


އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބަޓަރފްލައި އާއި 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް ޢާއިޝަަތު ޢުލްޔާ ޝާއިޤް އައު ކުރީ އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ބްރޭކަރސް ބިގް ސްޕްލޭޝް ޖޫން 2024 ގައެވެ.


ޢުލްޔާ 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އައު ކޮށްފައިވަނީ 00:31.76 އިންނެވެ. އަދި 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އައު ކުރީ 00:28.81 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


މީގެތެރެއިން 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި 00:29.81 އިން ރޭސްނިންމައިގެން އާމިނަތު ޝަޖަން އެވެ. އަދި 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކުރީ މިރާލް ޢައިން ލަތީފްއެވެ.

އެއީ 2023 ވަނަ އަހަރު ބޭއްވި ޓައުޓަން ޑީން، މިލްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔަރގައި 00:32.56 އިން ރޭސް ނިންމައިގެންނެވެ. 



ކިޔުންތެރިންގެ ހިޔާލު