މާލެ ސަރަހައްދުގައި ފްލޫ ކްލިނިކްތައް ގާއިމްކޮށްފި

3 months ago

އަފްރާހް

މާލެ ސަރަޙައްދުގެ ބައެއް ތަންތަނުގައި ފްލޫ ކްލިނިކްތަކެއް ހުޅުވައިފިއެވެ.


ހެލްތު މިނިސްޓްރީން ވިދާޅުވީ ފްލޫ ކްލިނިކުތައް ހުޅުވާފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ހުޅުމާލެ އަދި ވިލިމާލޭގައި ކަމަށެވެ.


މިއީ ޙައްޖުވެރިން އެނބުރި އަންނަމުންދާ ދުވަސްވަރަކަށްވާތީ، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ހުޅުވި ކްލިނިކުތަކެއް ކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ. އަދި އެފަރާތްތަކަށް ޚާއްޞަކޮށްގެން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމާއެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމާއި އާއްމުންގެ ތެރޭގައި ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި ހުޅުވި ކްލިނިކްތަކެއް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.


ހުމާއި ކެއްސުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް މެނޭޖްކުރުމަށް ހާއްސަ ކްލިނިކްތައް ޤާއިމްކޮށްފައިމިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.


މި ބަލިތަކުން އާންމުން ރައްކާތެރިކޮށް، ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބަލިމީހުންގެ އަދަދު އިތުރުވަމުންދާނަމަ އެހެނިހެން ސަރަޙައްދުތަކާއި އަތޮޅުތަކުން މި ހިދުމަތް ދިނުމަށް ސިއްހީ ދާއިރާ ތައްޔާރަށް އޮތް ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.


އެހެންކަމުން، މި ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުން ވީހާވެސް ބޮޑަށް ހުއްޓުވުމަށް ޙައްޖުން އެނބުރި އަންނަ އެއްވެސް ޙައްޖާޖީއެއްގެ ފަރާތުން މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނިއްޖެނަމަ މި ކްލިނިކްތަކުގެ ބޭނުން ހިފުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ. 


ކިޔުންތެރިންގެ ހިޔާލު