ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް އަމިއްލަ ވިޔަފާރިވެރިން މުހިންމު ދައުރެއް އަދާކުރޭ: މިނިސްޓަރ

3 months ago

އަފްރާހް

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް އަމިއްލަ ވިޔަފާރިވެރިން މުހިންމު ދައުރެއް އަދާކުރާ ކަމަށް ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލި ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޗަމްޕާ ބްރަދަރސްގެ ފަރާތުން ތިން ރަށަކަށް ފިޒިއޮތެރަޕީ ވަސީލަތްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.


ޗަމްޕާ ބްރަދަރސްގެ ފަރާތުން ފިޒިއޮތެރަޕީ ވަސީލަތްތައް ފޯރުކޮށްދިނީ ހއ. ހޯރަފުށީ، ޅ. ހިންނަވަރު އަދި އެ އަތޮޅު ކުރެންދޫއަށެވެ.


މިތަކެތި ހަވާލުކޮށްދެއްވީ ޗަމްޕާ މުޙައްމަދު މޫސާގެ ދަރިކަނބަލުން ސާރާ މޫސާއެވެ. އަދި އެރަށްރަށުގެ ރައްޔިތުންގެ ފަރާތުން މިތަކެއްޗާއި ހަވާލުވީ ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ މެމްބަރުންނެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްޔު މިނިސްތަރ ޑރ. ޚަލީލު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އަމިއްލަ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާކަމަށެވެ.


އެގޮތުން ފަހުގެ ތާރީޚެއްގައި ސިއްހީ ގޮތުން ކުރިމަތިވީ އެންމެ ވަރުގަދަ ހާލަތަކީ ކޯވިޑްގެ ދުވަސްވަރުކަން ފާހަގަކުރައްވައި އެދުވަސްވަރު ވެސް އަމިއްލަ ވިޔަފާރިތަކުން ނަމޫނާ ދައްކާފައިވާކަން ފާހަގަކުރެއްވިއެވެ.


އެގޮތުން ކޯވިޑްގެ ދުވަސްވަރު ޗަމްޕާ ބްރަދަރސް އިން ޓްރީޓޮޕް ހޮސްޕިޓަލާއި ޗަމްޕާ ސެންޓްރަލް ހޮޓެލް ރައްޔިތުންގެ ޚިދުމަތަށް އެއްވެސް ޝަރުތަކާއި ނުލައި ދޫކުރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު