އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ޚާއްސަ "ހައްޓަށް" ޕްރޮގްރާމް ފަށަނީ

3 months ago

އަފްރާހް

އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ޚާއްސަ "ހައްޓަށް" ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އިސްރަށްވެހިންނަށް ހާއްސަކޮށްގެން މިންހެޔޮ ކާނާ ތައްޔާރުކުރަން ދަސްކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ބޭއްވުމަށް ނިންމާފައިވަނީ މި ޖުލައި މަހުގެ 6 ގައެވެ.


އިސްރަށްވެހިންގެ ނާދީ އާއި ޔޫއެންއެފްޕީއޭ ގުޅިގެން އިސްރަށްވެހިންގެ ނާދީގައި މި ޕްރޮގްރާމު ކުރިއަށް ގެންދަނީ 55 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެންނެވެ.


މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 25 މީހުން ބައިވެރިވާނެ ކަމަށާއި 10 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ކައްކާ ކްލާސްތަކުގައި ހައްޓަށް ހެޔޮ، އަނގަޔަށް މީރު މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދޭނެ ކަމަށެވެ.


މީގެއިތުރުން ޢަމަލީ ގޮތުން އެ ބާވަތްތައް ތައްޔާރުކުރާނެ ގޮތްތައް ވެސް މި ކްލާސްތަކުގައި ބައިވެރިންނަށް ދަސްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.


މި ކްލާހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާފައިވާއިރު، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 އަށް ގުޅައިގެން ނަންނޯޓު ކުރެއްވުމަށް އެދިލައްވައެވެ. އަދި ނަން ނޯޓުކުރުމުގެ ފުރުސަތު 5 ޖުލައި ވާ ހުކުރު ދުވަހުގެ އިރުއޮއްސި 6 ޖަހަންދެން އޮންނާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީގައި ހުރުމަށް މިންހެޔޮ ކާނާއާއި ކަސްރަތަކީ މުހިންމު ރޯލެއް އަދާކުރާ ކަންކަމެވެ. އެހެންކަމުން މިންހެޔޮ ކާނާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް އިސްރަށްވެހިންގެ ނާދީން ގެންދަނީ ސިލްސިލާގޮތެއްގައި ކުރިއަށް ގެންދަމުންނެވެ.


އިސްރަށްވެހިންނަށް ހާއްސަ ލުއި ކަސްރަތު ޕްރޮގްރާމުތައް ކޮންމެ ހަފްތާއަކު ދެ ދުވަހު އިސްރަށްވެހިންގެ ނާދީގައި މިހާރު ވެސް ކުރިއަށް ގެންދެއެވެ. އަދި މިގޮތަށް ހިންގާ ކޮންމެ ހަރަކާތަކީ ވެސް އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިންތިޒިމާކުރެވިގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.


މި ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ޖަމުއިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދާކަން ވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު