އާޝާ އާއި ދަރާ ރަޝީދުގެ ފޮޓޯ: ތަފާތު މަންޒަރެއް، ބުނެދޭން ނޭނގޭ ވާހަކަތަކެއް

5 months ago

އަފްރާހް

ބޮލީވުޑުގެ ބައެއް ތަރިން އެމީހުންގެ ފިލްމުތަކާއި ލަވަތައް އިޝްތިހާކުރުމަށް ތަފާތު އެކި އުކުޅުތައް އަންނަނީ ދައްކަމުންނެވެ. އެގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރުގެ ކައިވެންޏަށް މާގިނަދުވަހެއް ނުވަނީސް ބަނޑުބޮޑުވެފައިވާ ފޮޓޯއެއް އާންމުކުރިއެވެ. މީހުން މަރުހަބާ ވެސް ކިޔެވެ. އެހެންނަމަވެސް ފަހުން އެނގުނީ އެއީ އޭނާގެ ލަވައެއްގެ ޕްރޮމޯކަމެވެ.


އެކަމަކު މިހާރު ދައްކަން މިއުޅެނީ ރާއްޖޭގެ ވާހަކައެކެވެ.


ދިވެހި ފިލްމީ ޖައްވުގައި ދަރާ މުހައްމަދު ރަޝީދު ނުވަަތަ ދަރާބެ އަކީ ލެޖެންޑަރީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެކެވެ. އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.


ޓެލެވިޜަން މޯލްޑިވްސްގައި ވަޒީފާ އަދާކުރި ދުވަސްވަރު ފިލްމީ ދާއިރާ އަށް ވަން ދަރާބެ އެންމެފުރަތަމަ ގިނަބައެއްގެ މަގުބޫލުކަން ހޯދީ 'އޯކިޑު އޭނާގެ މާ' ކިޔާ ފިލްމަކުންނެވެ. އަދި އެއަށްފަހު ދިވެހި ފިލްމު ހާލި ފަދަ މަޝްހޫރު ފިލްމުތަކުން ޖާގަ ހޯދައި، ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދިއެވެ.


ރާއްޖެއިން ބޭރުން ވެސް އެކްޓިންގ ގެ ހުނަރު ހޯދާފައިވާ ދަރާ ރަޝީދަކީ މިހާރުވެސް ގިނަ ފިލްމުތަކުން ފެންނަ މޫނެކެވެ.


މީގެއިތުރުން ދިވެހި ފިލްމީ ޖައްވުގައި މިހާރުހުރި އެންމެ އަލިގަދަ އަންހެން ފަންނާނަކީ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ. ދައްކަމުން އަންނަ ކުޅަދާނަ އެކްޓިންގ އާއި ނެށުންތެރިއެއްގެ ގޮތުގައި ވެސް ދައްކާ ފަރި ހަރަކާތްތަކަކީ އާޝާ ހުނަރުވެރިކަމެވެ.

ކަންމިހެން އޮތްއިރު، ދަރާ ރަޝީދު އާއި އާޝާ އެކުގައި ނަގާފައިވާ ވަރަށް 'އިޝްގީ' ފޮޓޯއެއް މިވަނީ މީސްމީޑިއާގެ މަންސައަށް ދޫކޮށްލާފައެވެ.


އާޝާގެ އިންސްޓަގްރާމަށް އޭނާ ދޫކޮށްލާފައިވާ މި ފޮޓޯގައި އެ ދެމީހުން ވަރަށް ކައިރި ކައިރީގައި ތިބިއިރު، އާޝާ ހުރީ ދަރާގެ އެއް އަތުގައި ހިފަހައްޓައިގެންނެވެ. އާޝާގެ އަނެއް އަތް ރަޝީދުގެ މޭގައި ޖައްސައިގެން ހުރިއިރު، އެކަކު އަނެކަކަށް ތިބީ ވަރަށް ލޯބިން ބަލަހައްޓައިގެންނެވެ.


އެ ފޮޓޯގެ ކެޕްޝަންގައި އާޝާ ލިޔެފައިވާ އިބާރާތްކޮޅަކީ ވެސް ޖަޒުބާތީ ލަފުޒުތަކެކެވެ.


" ލޯތްބަކަށް އުމުރެއް ނޭނގެ. މިފަދަ ހެޔޮ މީހަކާއި އެއްކޮށް ހަޔާތް ހޭދަ ކުރުމަކީ ލިބޭ ނިއުމަތެއް." އާޝާ ބުނެފައި ވެއެވެ.


މި ފޮޓޯއާއެކު މީސްމީޑިއާ އުތުރު އަރައިގަތީ ހިނިދަރުގަނޑަކުން ހިނި އުތުރު އަރާ ބީދައިންނެވެ. އެ ދެމީހުން ކައިވެނި ކުރީކަމުގައި ހީކޮށް މަރުހަބާ ވެސް ކިޔާފައި ވެއެވެ. އަދި 200 އާގާތްކުރާ ވަރަކަށް ކޮމެންޓްސް އާއި 2000 އާގާތްކުރާވަރަކަށް ލައިކްސް ވެސް ވަނީ ލިބިފައެވެ.


މި ފޮޓޯ އާންމުކޮށްފައިމިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާ ދިވެހި ފިލްމު ކަމަނާ ސިލްވަރ ސްކްރީން ކުރުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ފިލްމަކީ އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާ ފިލްމެކެވެ.


މި ފިލްމުގައި 'ރިމްޝާ' ގެ ރޯލުން ފެންނަ ކުޅަދާނަ ތަރި މަރިޔަމް އައްޒަގެ ހަށިގަނޑަށް ވަރަށްބޮޑު ބަދަލެއް ގެނެސްފައިވާއިރު، ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާޝާ ވެސް ފެނިގެންދާނެއެވެ. އަދި ދަރާ ރަޝީދާއި މުހައްމަދު މަނިކު އަދި އައިޝަތު ނަތާޝާ ޖަލީލް (ނަތާ) ވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.


އެހެންކަމުން މިއީ އެ ފިލްމުގެ ޕްރޮމޯއަކަށް ވުންވެސް އެކަށީގެންވެއެވެ. ނޫނީ ހަމަ ހަގީގަތުގައި ވެސް އާޝާ އާއި ދަރާބެ ޒަވާޖީ ހަޔާތަކުން ގުޅެނީއެވެ. ނޫނީ ގުޅެން އުޅެނީއެވެ.


ކޮންމެގޮތެއް ވިޔަސް އެނގޭއެއްޗަކީ އާޝާ ބުނިހެން ލޯތްބަކީ ލޯ އަނދިރި އެއްޗެއް ކަމެވެ. ވަކި އުމުރެއް ވެސް އޮންނަ އެއްޗެއް ނޫން ކަމެވެ. ހެޔޮލަފާ ބައިވެރިއަކު ލިބުމަކީ ބޮޑުވެގެންވާ ނިއުމަތެއް ކަމެވެ.


ކިޔުންތެރިންގެ ހިޔާލު