ޑިޕްރެޝަނަށް ދިއުމުން ސަލާމަތްވުމަށް މިކަންކަން ކޮށްލަމާ!

3 months ago

އަފްރާހް

ދިރިއުޅުމުގައި ތަފާތު ކަންކަން ދިމާވެ ކަންކަމާ ނުތަނަވަސްވެ، ހާސްވާގޮތް ވަނީ މަދު ބަޔަކަށް ނޫނެވެ. މިއީ އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ދިމާވަމުން އަންނަ ވަރަށް އާންމުކަމެކެވެ.


މީގެތެރެއިން އެއްބައި މީހުންނަކީ މިފަދަ ކަންތައްތަކާ ދިމާވުމުން ކެރިގެން ކުރިމަތިލައިގެން ކާމިޔާބު ހޯދާ މީހުންނެވެ. އަނެއްބައި މީހުންނަކީ ކުޑަ މިންވަރަށް ނަމަވެސް މީހުންގެ އެހީތެރިކަން މިފަދަ ކަންތައްތަކުގައި ބޭނުންވާ މީހުންނެވެ.


އެގޮތުން ހާސްވެ، ކަންބޮޑުވެ، ނުތަނަވަސްވާ ދަނޑިވަޅުތަކުގައި ކަންތައްތައް ކުރާނެ ރަނގަޅު ގޮތްތަކަށް ބަލައިލަމާ ހިނގާށެވެ.


ނަމާދުކޮށް ދުޢާކުރުން

ނަމާދަކީ އިސްލާމް ދީނުގެ ދެވަނަ ރުކުނަށްވާއިރު، މިއީ އޭގައި އެތަށް ފައިދާތަކަކާއި ހިތްހަމަ ޖެހުން ވެސް އެކުލެވިގެންވާ އަޅުކަމެކެވެ. ގަވައިދުން ހުރިހައި ނަމާދެއް ނާޅާ ކުރާނަމަ، މީހާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއެވެ. އަދި މުއުމިނުންގެ ހަތިޔާރަކީ ދުޢާ ކަމަށްވާއިރު، ނުތަނަވަސްވާ ހިނދު ނަމާދުކޮށް ހެއްދެވިފަރާތުން އެކަމުން ސަލާމަތްކޮށްދެއްވުން އެދޭށެވެ.


އާއިލާއާއެކު ވަގުތު ހޭދަކުރުން


ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި އާއިލާއާއި ގާތް ރަހުމަތްތެރިންގެ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އިތުބާރުކުރެވޭ ގާތް ބަޔަކާއެކު ވަގުތުހޭދަކޮށްލާ ކަންކަން ހިއްސާކުރުމުން ސިކުނޑިއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމުގައި ދިރާސާތަކުން ވެސް ދައްކައެވެ. އެގޮތުން އަންހެނުންނަށް އެންމެ ބޮޑު ލުޔެއް ސިކުނޑިއަށް ލިބެނީ ގާތް ރަހްމަތްތެރިންނާއި ކުޑަކުދިންގެ ކައިރީގައި ވަގުތު ހޭދަކުރުމުން ކަމުގައި ދިރާސާތަކުން ދައްކައެވެ.


އެހެންނަމަވެސް މިއީ އަޅުގަޑުމެންގެ މި ރާއްޖޭގައި އެންމެއެދެވޭގޮތުގައި ކުރެވޭ ކަމެއްގެ ގޮތުގައި ނުބެލެވެއެވެ. ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުންނާއި ވަޒީފާގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމަކީ މިކަމަށް އެޅޭ އެންމެބޮޑު ހުރަހެވެ.


ހީ ސަމާސާކޮށްލުން


ހިނިތުންވުމަކީ ސަދަތަކަށްވާއިރު، އެއީ ހަށިގަނޑަށް ވެސް ވަރަށް ފައިދާހުރި ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނައިން އުފާވެރިކަންތައްތައް ކުރާ މީހުން ކަންތައްތަކާ ހާސްވެ، ކަންބޮޑުވާ މިންވަރު ވަރަށް މަދުކޮށްދެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް މަޖާ ކަމެއް ކޮށްލުން މުހިންމެވެ. ނުވަތަ މަޖާ ވާހަކަފޮތެއް ކިޔައިލާ، މަޖާ ޓީވީ ޝޯވއެއް ވެސް ބަލައިލެވިދާނެއެވެ.


ފުންކޮށް ނޭވާލުން


ކަންކަމާ ހާސްވެ ކަންބޮޑުވާ ހާލަތުގައި ކުރަން އެންމެ ރަނގަޅު އެއްކަމެއްގެ ގޮތުގައި ބައެއް މީހުން ކުރާކަމަކީ ފުންކޮށް ނޭވާލުން ކަމުގައި ދިރާސާތަކުން ދައްކައެވެ. ފުންކޮށް ނޭވާލުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ “ސްޓްރެސް ހޯމޯންސްތައް” ބޭރުކޮށްލާ މީހާ ހަމަޖެހުމަށް ފަސޭހަވާކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ނޭވާއަށް ފޯކަސްކޮށްގެން ވަރަށް ލަސްލަހުން ފުންކޮށް ނޭވާލުމުން ހާޓްރޭޓް ދަށްވެ، ސިކުނޑި ހަމަޖެހޭކަމަށް ވެސް ދިރާސާތަކުން ވަނީ ދައްކާފައެވެ.


އެހެންކަމުން ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ސަބަބުން މާޔޫސްވެ، ދިރިއުޅުމުގައި ގޮތް ހުސްވާ ހިސާބަށް ސިކުނޑި ދުއްވާނުލާށެވެ. ކުރިންބުނެވުނު މަދު ކަންކަމުގެތެރެއިން ކަމެއް ހާއްސަކޮށް ނަމާދަށް ފަރުވާ ބެހެއްޓުމުން ހުރިހައި ކަމަކަށް ހައްލު ލިބުނީއެވެ.


ކިޔުންތެރިންގެ ހިޔާލު