މަރަށް ތައްޔާރުވާންވީ މާދަމާއެއް ނޫނެވެ!

3 months ago

އަފްރާހް

އިންސާނުން މިދުނިއަށް ފޮނުވާފައިވަނީ ނިސްބަތުން ވަރަށް ކުޑަދުވަސްކޮޅަކަށެވެ. ކޮންމެމީހަކީ ވެސް ވަކިއަޖަލެއްކަނޑައެޅިފައިވާ މީހެކެވެ. ދުނިޔެވީ ހަޔާތަކީ އިންސާނާގެ ހަގީގީ މަންޒިލް މަޤްސޫދެއް ނޫންކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާނުން ކައްސުވާލައިގެން ވާކަށްނެތެވެ. އަދި އިންސާނާގެ އަސްލު މަންޒިލަކީ އުޚްރަވީ ހަޔާތްކަން އަބަދު ވސް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ.


އިންސާނާ ދުނިއަށް ފޮނުއްވާފައިވަނީ އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުމަށެވެ. ދުނިޔެވީ އެދުންތައް ހާސިލް ކުރުމަކަށް ނޫނެވެ.


މި ފަނާވަނިވި ދުނިއެއަކީ ހެއްލުންތެރި، ކެހިވެރި ތަނެއްކަމާއި މިތަނުގެ ލައްޒަތާއި އުފަލާއި އަރާމަކީ ދަޅަތަކެއްފަދަ ވަގުތީ އެއްޗެއްކަން އެންމެހިނދުކޮޅަކަށް ވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެހެންކަމުން ދުނިޔޭގައި އުޅުމަށް އަޅުގަނޑުމެންނަށް ދެއްވާފައިވާ ކުޑަވަގުތު ކޮޅުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފައި އާޚިރަތް ބާއްޖަވެރި ކުރުމަށް މަސައްކަތް ކުރަންޖެހެއެވެ.


ކޮންމެމީހަކަށް ވެސް އެމީހެއްގެ މަރުގެ ދައުވަތު ލިބޭނެއެވެ. އެއީ ކޮން ދުވަހެއްގައި، ކޮން ވަގުތެއްގައި ކަމެއް ނޭނގޭނެއެވެ. މަރު އައިސް ބައްދަލުކުރާނީ ކޮންފަދަ ހާލަތެއްގައި ތިބާ ވަނިކޮށް ކަމެއްވެސް ނޭނގޭނެއެވެ.


އިންސާނާ އޭނާއަށް ކަނޑައެޅިފައިވާ ދުނިޔޭގެ ދަންފަޅި ހަމަކުރުމަށް ފަހު، މާތްރަށްކަލާނގެ ހަޟުރަތަށް ދާންނުޖެހޭނޭ އެއްވެސް މަޚްލޫގެއް ނުވެއެވެ. ކޮންމެ މަޚްލޫގެއް ވެސް މިދުނިޔެ އާއި އަލްވަދާޢު ކިޔަންޖެހޭނެއެވެ.


އެހެންކަމުން މިހަގީގަތާއި ކުރިމަތިވުމުގެ ކުރިން ތިމާ ތައްޔާރުވެ، ތަޤުވާވެރިވެ ވާންޖެހެއެވެ. ތައުބާވެ ފާފަފުއްސެވުމަށް އެދި ދުޢާ ދަންނަވަން ޖެހޭނެއެވެ.


އަޅުގަންޑުމެންގެ ލޯމަތިން މިއަދު ފެންނަނީ އަޅުގަނޑުމެންނާއި އެކު އުޅޭ ރަށްޓެހިންނާއި ގާތް މީހުން އަދި އާއިލާ މީހުން އެކި އެކި އެކްސިޑެންޓްތަކުގައާއި ބޮޑެތި ބަލިތަކުގައާއި ނުވަތަ އެއްވެސް ބައްޔެއްނެތި ގަދަފަދަމީހުން މަރުވެގެންދާތަނެވެ. އެކަމުގައި ވަކި އުމުރެއް، ވަކިނަސްލެއް، މުއްސަންޖެއް، ފަގޫރެއް އިސްތިސްނާއެއް ނުވެއެވެ.


އަޚާއެވެ. މަރަކީ ތިމާއާ އެންމެ ގާގުތައި ވާ އެއްޗެވެ. އަވަހަށް ތައްޔާރުވާށެވެ. މާދަމާއަށް މަޑުނުކުރާށެވެ. މާދަމާއަކީ އަންނާނެ ދުވަހެއް ނޫނެވެ.


ނޯޓު: މިއީ ޢިލްމުވެރިންގެ ފަތުވާތަކުން ނަގާފައިވާ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު