ސިޔާސީ ވާންވީއެވެ، އެކަމަކު "ސިޔާސީ ބޯވަ" ތަކެއް ގޮތަކަށް ނޫނެވެ!

5 months ago

އޮއިވަރު

ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމަށް ވެރިކަން ކުރަން ފެށުނީއްސުރެ، ތަފާތުއެކި ކަހަލަ ކަންކަން ދަނީ ދިމާވަމުންނެވެ. ޕާޓީ ބަދަލުކުރުމާއި އަމިއްލަ މަންފާ އަށް ނުވަތަ އެހެން ވެސް މަންފާ އަކަށް ޕާޓީ ބަދަލު ކުރުން އެއީ އާންމުކަމެކެވެ.


ހާއްސަކޮށް ތިމާ އަދާކުރަމުންދާ ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަމުގައި އެކަން ކުރުން އިތުރެވެ. ވާނީ ވެސް އެހެން ނޫންތޯއެވެ. އަނބިދަރީންނާއި އަމިއްލަ މީހާ ޒަރޫރީ ކަންކަން ފުއްދެން އަންނަނީ އެބީދައިން ކަން ކުރުމުންނެވެ.


މިހެންވެ، 'އޮއިވަރު' އޮންލައިނުން ކުޑަ ނަމަވެސް ދިރާސާއެއް ކުރަން ނިންމައި، އެކަމުގެ ޢަމަލީ މަސައްކަތް ފެށީ 'އޮއިވަރު' މިއީ ކިތަންމެ ޅަފަތުގައި އޮތް ނޫހެއް ކަމުގައިވިޔަސް ކިޔުންތެރިންނަށް ކޮންމެވެސް މައުލޫމާތުކޮޅެއް ފޯރުކޮށްދިނުމުގެ ނިޔަތުގައެވެ. ރާއްޖޭގައި ސިޔާސީ ރޭސް ފެށުނީއްސުރެ އެކިކަހަލަ ކަންކަން 'އޮއިވަރު' ޓީމުން ގެންދިޔައީ ބަލަމުންނެވެ.


މިގޮތުން "ސިޔާސީ ބޯވަ" މި މައުޟޫއައިގެން ކުރިއަށްދައިރު، ސިޔާސީ ބޯވަ މި ބަސް އައިސްފައި އިން ގޮތައް ބަލައިލާނަމެވެ. މި ބަހަކީ އެކި ސިޔާސީ ޕާޓީތަކުން މަންފާ ލިބޭތޯ އެކި ހޮރު ކޮއްޓަމުންދާ މީހުންނަށް ސިޔާސީ ގޮތުން ރައްދު ކޮށް ބުނާ ބަހެކެވެ.


އާދެ! މިގޮތަށް އުފެދޭ ބައިވަރު ބޯވަ ވަރަށް ގިނައިން މިހާރަކަށް އައިސް ފެންނަމުން ދެއެވެ. ބޯވައަކީ ވެސް އެކިފަހަރު އެކި ކުލައިގަ އިންނަ މަޚްލޫގަކަށްވާއިރު، ހަމަ އެބީދައިން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ކުޅަދާނަ ފަންނާނުންގެ މޮޅުވާހަކަ އަކީ ދައްކައި ކޮޅުންލާނެ ވާހަކައެއް ނޫނެވެ.


މިކަހަލަ ބޯވަ އެކިކަލަ މަގާމުތަކަށް ކުރިމަތިލުމަށް ވެސް ނިކުމެއެވެ. އެފަދަ މީހުންގެ މަޅީގައި ސިޔާސީ ޕާޓީތަކުން ވެސް ޖެހެނީ، ދަލު ބޭރުން ޖެހޭ މަހެއް ފަދައިންނެވެ.


މި ފަހުން އެކި ސިޔާސީ ޕާޓީތަކުން ސިޔާސީ މަގާމުގައި ތިއްބަވާފައި އަމިއްލަ ނުވަތަ އެހެން ވެސް މަންފާއަށްޓަކައި ކުރިން ލިބުން މަންފާއަށްވުރެ ބޮޑު ބިޔަ މަންޒަރެއް ފެއްނާތީ ދިޔަ މީހުންގެ އަދަދު ގުނާ ހުސްނުވާނޭ ބުންޏަސް ދޮގަކަށް ނުޥާނެއެވެ.


ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ތިއްބެވި މަޖިލިސް މެންބަރުންނާއި މިނިސްޓްރީގެ މަގާމުތަކުގައި ތިބި ބައެއް މީހުން އަދި ލޯޔަރުންނެވެ. އަދި މި ނޫން ވެސް އެތައްބައެކެވެ.


އެހެންނަމަވެސް ހިތާމައަކީ މިފަދަ "ސިޔާސީ ބޯވަ" ތަކުގެ ސަބަބުން ރައްޔިތުންގެ ފަސްބައި ވެސް ކިލަނބުވެ، "ސިޔާސީ ބޯވަ" ގޮތަށް ނޫޅޭ ފަރާތްތަކުގެ ނަން ވެސް ޚަރަބު ވަނީއެވެ.


މިކަލަ ބައެއް މީހުންނަށް ސިޔާސީ މައިދާން ފެންނަނީ މޮނަޕޮލީ ގަނޑެއްގެ ސިފައިގައެވެ. މިއީ ޒުވާނުން ވިސްނަންޖެހޭ ކަންކަމެވެ.

މިއީ ވަކި މީހަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް އަމާޒުކޮށް ލިޔުނު ރިޕޯޓަކަށް ނުވިޔަސް، "ބޯވަ" އެއް ފަދައިން ކުލަ ބަދަލުކުރަމުންދާ ސިޔާސީ ފަރާތްތަކަށް ބުނެލަން ބޭނުންވަނީ އެމީހެއްގެ ލޯޔަލްޓީ ހިފަހައްޓާނީ އެމީހެއް ކަމެވެ. ގެއްލިއްޖެ އަބުރެއް އަނބުރާ ނުލިބޭނެ ކަމެވެ.


ސިޔާސީ ވުމަކީ އަމިއްލަ މަންފާ އާއި އާއިލީ މަންފާ އަށް ވިސްނައި، "ސިޔާސަ" ވެ، އަމިއްލަ މީހާ ހަފުސް ވުމެއް ނޫނެވެ. ސިޔާސީ ވާންވާނީ "ސިޔާސަ" ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު