ޔޫރޯ 2024: ފްރާންސް އެނބުރި ގައުމަށް – ސްޕެއިން ފައިނަލަށް

5 months ago

އަފްރާހް

ޖަރުމަންގައި މިހާރުކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ.


ސްޕެއިނުން މި ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ފްރާންސާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ.


މި މެޗުގައި ފުރަތަމަ ގޯލު ޖަހާ، ލީޑު ނެގީ ފްރާންސުންނެވެ. މިއީ 9 ވަނަ މިނެޓުގައި ފްރާންސްގެ ކެޕްޓަން އެމްބަޕޭ ނަގައިދިން ހުރަހަކުން ކޯލޯ މުއާނީ ޖަހައިދިން ގޯލެކެވެ.


އެހެންނަމަވެސް މި ގޯލާއެކު ސްޕެއިންގެ ކުޅުން ރަނގަޅުކޮށް 21 ވަނަ މިނެޓުގައި ވަނިީ ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ އުމުރުން އެންމެ 16 އަހަރުގެ ޔަމާލް ޖަހައިދިން ގޯލެކެވެ. އަދި ސްޕެއިނުން އޭގެ ހަތަރު މިނެޓުފަހުން މެޗުގެ 25 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ވަނީ ލީޑު ނަގާފައެވެ. މި ގޯލު ޖެހީ ޑެނީ އޮލްމޯއެވެ.


2 ލަނޑު 1 ލަނޑުގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެ، ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން ސްޕެއިނުން ކުޅެމުންދިޔައީ ޑިފެންސަށް ވިސްނައިގެންނެވެ. އެހެންކަމުން ގިނަވަގުތު ބޯޅަ އޮތީވެސް އެޓީމުގެ ހާފުގައެވެ. އެކަމަކު ސްޕެއިނުން ވެސް ހަމަލާތައް ދިޔައީ އުފައްދަމުންނެވެ.


އެހެންނަމަވެސް މެޗު ނިމިގެން ދިޔައީ ފުރަތަމަ ހާފުގައި ފެނުނު ނަތީޖާއާއެކު ސްޕެއިން މޮޅުވެގެންނެވެ.


ސެމީފައިނަލުގެ ދެވަނަ މެޗުގައި ރާއްޖެގަޑިން މިރޭ މެންދަމު 12 ޖަހާއިރު ބައްދަލުކުރާނީ އިންގްލެންޑާއި ނެދަލޭންޑްސްއެވެ.


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި 15 ވަނަ ދުވަހުގެ ރޭ މެންދަމު 12 ޖަހާއިރުއެވެ.


ކިޔުންތެރިންގެ ހިޔާލު