ރަސްމާލެ މަޝްރޫއަށް ތަކެތި ސަޕްލައިކޮށްދިނުމުގެ ނަމުގައި ބޮޑު ސްކޭމެއް

3 months ago

އަފްރާހް

ރަސްމާލެ މަޝްރޫއުއަށް ބައެއް ތަކެތި ސަޕްލައިކޮށްދޭން ބުނެ ބޮޑު ސްކޭމެއް ހިންގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.


އެ ހިދުމަތުން ޖުލައި 11 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ޕެރޯލްގެ ދަށުން ޖަލުން ދޫކޮށްފައި ހުރި މީހެއް ކަމަށެވެ.


މިދިޔަ މަހު ހިންގާފައިވާ 1.9 މިލިއަން ރުފިޔާގެ މި ބޮޑު ސްކޭމްގައި އެ ކުންފުނީގެ އެކައުންޓުގައި ހުރި ފައިސާ އިން 70 އިންސައްތަ ފޭރިގަނެފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅިފައިވަނީ ޖޫން 18 ވަނަ ދުވަހު ކަމަށެވެ. މިކަން ހިނގިއިރު ކުންފުނި އެކައުންޓުގައި 2.6 މިލިއަން ރުފިޔާ ހުރި ކަމަށާއި މި ސްކޭމަށް ހޭދަވެފައިވަނީ ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓް ކަމަށެވެ. އަދި މި ސްކޭމުން ފައިސާ ޖަމާވި މީހުންގެ ތެރޭގައި ޖަލު އޮފިސަރުން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން މި ސްކޭމް ހިންގުމަށްޓަކައި ކުންފުނީގެ ހިއްސާދާރެއްގެ މެއިލް ހެކްކޮށް، ކުންފުނީގެ ބޭންކް އެކައުންޓުގެ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާތައް ނަގަމުން ދިޔައިރު ވެސް ކުންފުނީގެ ހިއްސާދާރު ގެންދިޔައީ ސްކޭމަރާ ވަޓްސްއެޕުން ވާހަކަ ދައްކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.


"ކުންފުނީގެ އެކައުންޓުން ފައިސާ މަދުވެފައިވާކަން ފާހަގަވެ އެކައުންޓް ބްލޮކްކުރި އިރު، އެކައުންޓުގައި ބާކީ ހުރީ އަށް ލައްކައެއްހާ ރުފިޔާ. ކުންފުނީގެ އެކައުންޓުން ނެގި ފައިސާ ގާތްގަނޑަކަށް 50 އެކައުންޓަކަށް ވަނީ ޖަމާކޮށްފަ. އަދި ބައެއް އެކައުންޓްތަކުން އޭޓީއެމް މެދުވެރިކޮށް ވަނީ ފައިސާ ވެސް ނަގާފަ." ނަވީދު ވިދާޅުވިއެވެ.


އޭނާ އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން، ތަހުގީގުގެ ފުރަތަމަ 72 ގަޑިއިރު ތެރޭގައި ފައިސާ ޖަމާވި 50 އެކައުންޓް ނިސްބަތްވާ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން ހޯދައި، އެމީހުންނާ ސުވާލުކޮށް ލައްކައެއްހާ ރުފިޔާ ހޯލްޑްކުރި ކަމަށެވެ. އަދި މިހައިތަނަށް ފަސް ލައްކައެއްހާ ރުފިޔާ ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

އަތޮޅޭ

ބައްލަވާ އަލީ.. ފުލުހުން ވެސް ބުނެފައެއް ނުވޭ އެއީ ކޮން ކުންފުންނެއްކަމެއް. ދެން ކިހިނެއް ހަބަރުގަ ލިޔާނި. ތަންކޮޅެއް ތަންދޮރު ބަލާލަ ބަލަ ވަށާގެން

3 months ago

އަލީ

ޚަބަރު ކިޔާ ނިމުނުއިރުވެސް ނޭނގުނު ފައިސާ ގެއްލިގެން އުޅެނީ ކޮން ކުންފުންޏަކުންކަމެއް. މިވަރުން ވެސް ނޫސް ލިޔާތި.

3 months ago