ސިޔާސަތު ކަނޑައެޅުމުގައި އިސްރަށްވެހިންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުން މުހިންމު

3 months ago

އަފްރާހް

ސިޔާސަތު ކަނޑައެޅުމުގައި އިސްރަށްވެހިންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފްލާގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.


މިއީ ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސް އާއި ހައުސިންގ މިނިސްޓްރީ އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބޭއްވި ހަރަކާތެކެވެ.


އައިމިނަތު ހުސައިން ޝަރީފް ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތަކާއި ގޮންޖެހުންތަކާއި މިކަންކަން ހައްލުކުރުމަށް އަޅަމުންދާ، އަދި ކުރިއަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ.


މިގޮތުން އިޖުތިމާއީ ހަމަހަމަކަން ކަށަވަރުކުރުމަށް މިވަގުތު ގާއިމުކުރެވިފައިވާ ސިޔާސަތުތަކަށް އަލިއަޅުވާލައްވައި ވަނީ އެކި ފަރުދުންގެ ބޭނުންތައް ތަފާތުވާނެކަން ދެނެގަތުމާއެކު، ސިޔާސަތު ކަނޑައެޅުމާއި ޕްރޮގްރާމްތައް ފަރުމާކުރާއިރު، އެއްވެސް ފަރުދަކު ބާކީ ނުވާނެގޮތަކަށް ކަންކަން ކުރުމަށް އެދިވަޑައިުގެންފައެވެ. އަދި ވަކިން ހާއްސަކޮށް އާބާދީގައި އެންމެ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އަހައްމިއްޔަތުކަން ދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.


މީގެއިތުރުން މިފަދަ ސިޔާސަތުތައް ފަރުމާކުރާއިރު ތަފާސް ހިސާބުގެ އަލީގައި އެކަންކަން ތަރުތީބުކުރުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ. އަދި މުޖުތަމައުގައި ތިބި ދައުލަތުގެ ހާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލެއްވިއެެވެ.


ސްޓޭޓް މިނިސްޓަރ އައިމިނަތު ޝަރީފް ފާހަގަކުރެއްވި ގޮތުގައި އެ ވުޒާރާގެ މައިގަނޑު އަމާޒަކީ މައްސަލަތައް އަވަހަށް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން އަވަސްކުރުމެވެ. އަދި ރާއްޖޭގެ އާބާދީ ދޮށީ އުމުރުގެ އާބާދީއަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، ސިޔާސަތު ކަނޑައެޅުމުގައި އިސްރަށްވެހިންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ތިޔަކަހަލަމޮޅުވާހަކަތައްއެބަދެއްކެއެވެ އެކަމަކުކުރެވިނިމޭކަމެއްނެތެވެ

3 months ago