ވެމްކޯ އިން ރައްޔިތުންނަށް ލުޔެއް

5 months ago

އަފްރާހް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ ސަރަހައްދުގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ގޭޓްފީ ކުޑަކޮށް، ރައްޔިތުންނަށް ލުޔެއް ދީފިއެވެ.


އެ ކުންފުނިން ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރާންސަފަރ ސްޓޭޝަންތަކުން ނަގާ ގޭޓު ފީ އަށް ބަދަލު ގެނައީ މި މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން 500 ރުފިޔާ އަށް ކުޑަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.


އެހެންކަމުން އާންމު ފަރާތްތަކާއި ކުދި ވިޔަފާރިތަކާއި ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ހިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފަރ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް މީގެކުރިން ނަގަމުން އައީ ޓަނަކުން 750 ރުފިޔާނަމަވެސް ދެން ނަގާނީ 500 ރުފިޔާއެވެ.


މިބަދަަލު ގެެސްފައިވާއިރު، ޓްރާންސްފަރ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުން އަންނަ 150 ރުފިޔާގެ ގޭޓްފީ ވެސް ނެގުން މިހާރުވަނީ ނިމުމަކަށް ގެނެސްފައެވެ.


ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިިއްޒުގެ ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް މާލެއާއި ހުޅުމާލެ އާއި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ހިިދުމަތުގެ ފީ 1060 ރުފިޔާ އިން 750 ރުފިޔާއަށް މިދިޔަ މާރޗު މަހުން ފެށިގެން ވަނީ ކުޑަކޮށްފައެވެ.


އޭގެ ފަހުން އެ އަދަދު 500 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ނިންމަވައި އެކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ މާރޗް މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު