އެމްޑީޕީ ބައިބައިވީ ރައީސްކަމަށް ކުރިމަތިލާން ފުރުސަތު ކުޑަވުމުން: ދޮންބިލެތް

3 months ago

އަފްރާހް

އެމްޑީޕީ ބައިބައިވީ ރައީސް ނަޝީދު ހުންނެވުމުން ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ފުރުސަތު ގެއްލޭތީ ކަމުގައި ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.


އޭނާ މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.


ދޮންބިލެތް ވިދާޅުވީ އެމްޑީޕީ އަށް ބަދަލެއް އައީ ރައީސް ނަޝީދު އެމްޑީޕީގައި ހުރުމަށް ނޭދޭ ބައެއް އެމްޑީޕީ އަށް އައިސްގެން ކަމަށެވެ. އަދި އެމީހުންގެ ވަރަށްބޮޑު މަސައްކަތަކަށްވީ ރައީސް ނަޝީދު ޕާޓީން ދުރަށްލާން ކަމަށެވެ.


އޭނާ އަށް ގަބޫލުކުރެވޭ ގޮތުގައި އޭގެ އެންމެބޮޑު މަގްސަދަކީ އެމަނިކުފާނު ހުންނަވާހާ ދުވަހަކު ރައީސްކަމަށް ކުރިމަތިލާން ފުރުސަތު ކުޑަވެގެން ދިއުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ޕާޓީން ދުރުކުރެވިއްޖެނަމަ، އެމްޑީޕީގެ ތެރެއިން ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމަށް ވަރަށްބޮޑަށް ފުރުސަތު ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ސީދާ ރައީސް ނަޝީދު ވިދާޅުވެގެން ކަމަށާއި އެކަމަށް ރައީސް ސޯލިހު ދެފަހަރަކު އިންކާރު ކުރައްވައި، އެހެންމީހަކު ނެރުމަށް އެދިލެއްވި ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ނަޝީދު ބޭނުންފުޅުވީ ރައީސް ސޯލިހު ނުކުތުމަށް ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.


އެހައި ހިސާބުން ވަރުގަދަ އެމްޑީޕީގެ ޓީމު ބަދަލުވެ، ރައީސް ސޯލިހުގެ އަރިހަށް އައީ އެމްޑީޕީ އާ ކުޑަކޮށް ބީރައްޓެހިބައެއްކަން ފާހަގަކުރެއްވިއެވެ.


ރައީސް ނަޝިދާއި ރައީސް ސޯލިހާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ އަހްމަދު ހަލީމް ވިދާޅުވީ އެމީހުން އައިސް ވޭތުވެދިޔަ ފަސް އަހަރު އެމްޑީޕީ އަށް ކުރެވުނު މަސައްކަތަކީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މެމްބަރުން އެ ޕާޓީން ދުރުކުރުން ކަމަށެވެ.


އެކަންކުރީ ވަރަށް ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކުގައި ކަމަށާއި އޭގެ ނަތީޖާއަކީ ޕާޓީ ފަޅައިގެން ގޮސް، ވެރިކަން ވެސް ގެއްލުންކަން ފާހަގަކުރެއްވިއެވެ.


ރައީސް ނަޝީދަކީ ވަރަށް ގާތް ބޭފުޅެއް ކަމަށާއި އަބަދުވެސް ވަރަށް އިހްތިރާމުކުރާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވީއެެވެ. އަދި އެންމެވަރުގަދަ ސިޔާސީ ލީޑަރަކީ ވެސް އެމަނިކުފާނުކަަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު