ބޭސިކް ފުޓްސަލް ރެފްރީ ކޯހެއް ށ. އަތޮޅުގައި ހިންގައިފި

3 months ago

ސާއި

ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ށ. އަތޮޅުގައި ހިންގައިފިއެވެ.


ށ. އަތޮޅު ކައުންސިލާއި ސްޕޯޓްސް މިނިސްޓްރީ އަދި އެފްއޭއެމް ގުޅިގެން މި ކޯސް ހިންގާފައިވަނީ ޖުލައި 4 ން 12 ގެ ނިޔަލަށެވެ.


'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން މިކަމުގައި އިސްކޮށް އުޅުއްވި އޮފިޝަލެއް ވިދާޅުވީ މި ކޯހުގައި 33 މީހުން ބައިވެރިވެ، 25 މީހުން ސެޓްފިކެޓް ހާސިލުކޮށްފައިވާ ކަމަށެވެ. އަދި ތަފާތުއެކި ސަބަބުތަކާއި ހުރެ ތިން ބައިވެރިއަކު ކޯހުން ވަކިވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


މި ކޯސް ހިންގުމުގެ މަގްސަދަކީ އެ އަތޮޅުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި އިންސާފުކުރާނެ ރެފްރީން ހޯދުމާއި ފުޓްސަލް ރެފްރީކަން ކުރުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެފަދަ ފުރުސަތުތައް ހޯދައިދިނުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.


އޮފިޝަލް އިތުރަށް ވިދާޅުވީ މި ކޯހުގެ ސަބަބުން ފުޓްސަލް ރެފްރީން ލިބުމުގައި އަތޮޅަށް މިހާރުދިމާވާ ދަތިތަކަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އިތުރު ކޯސްތައް ހިންގުމަށް ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު