ޗައިނާ އިން ދިވެހި ދަރިވަރުންނަށް ތަމްރީން ޕްރޮގްރާމެއް ފަށަނީ

3 months ago

އަފްރާހް

ޗައިނާ ވިމެންސް ޔުނިވަރސިޓީ އާއި ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ދިވެހި ދަރިވަރުންނަށް އެކި ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.


މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ މިނިސްޓަރ މަރްޔަމް މާރިޔާ، "ޗައިނާ-ސައުތް އޭޝިޔާ ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް" ގައި ބައިވެރިވެވަޑައިނެވުމަށް އެގައުމަށް ކުރެއްވި ދަތުރުފުޅުގައި، ޗައިނާ ވިމެންސް ޔުނިވަރސިޓީގެ ދައުވަތަކަށް، އެޔުނިވަރސިޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.


"ޗައިނާ-ސައުތް އޭޝިޔާ ޕޮލިޓިކަލް ލީޑާރސް ޕްރޮގްރާމް" އިންތިޒާމުކުރެއްވުމުގައި ހިއްސާވާ ޗައިނާ ވިމެންސް ޔުނިވަރސިޓީއަކީ އޯލް-ޗައިނާ ވިމެންސް ފެޑެރޭޝަންއާއި ގުޅިގެން ހިންގާ ޔުނިވަރސިޓީއެކެވެ. 75 އަހަރު ވެފައިވާ މި ޔުނިވަރސިޓީއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އަންހެނުންގެ ތައުލީމީ ނިޒާމް ވަރުގަދަކޮށް، އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންގެ ހައްޤުތައް ހިމާޔަތްކުރުމުގެ އިތުރުން އެތަށް މަޢުލޫއަކާއި ގުޅިގެން ރިސާޗްކުރުންތައް ކުރިއަށްގެންދާ ޔުނިވަރސިޓީއެކެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެދަށުން ހިންގަމުންދާ މޯލްޑިވްސް ޕޮލިޓެކްނިކާއި އެމްއެންއެސްޑީއޭ އިން އަންނަނީ ތަފާތު މަސައްކަތްތެރިކމުގެ ހުނަރުތަކުން ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގައުމީ ލެވެލް ސަނަދުގެ ތަފާތު އެކި ކޯސްތައް ހިންގުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.


އެހެންކަމުން އެ ޔުނިވަރސިޓީއާއި ގުޅިގެން ރާއްޖޭގެ ދަރިވަރުންނަށް އެކި އެކި ދާއިރާތަކުން ތަމްރީންވުމުގެ ފުރުސަތާއި އެކްސްޗޭންޖް ޕްރޮގްރާމްތައް ފެށުމަކީ ރާއްޖޭގެ މަތީތައުލީމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.


މި ބައްދަލުވުމުގައި އެ ޔުނިވަރސިޓީގެ ދައުަތަށް ވަޑައިގަންނެވި ބޭފުންނަށް، ޔުނިވަރސިޓީގެ ބައެއް ހާއްސަ ތަންތަން ދައްކަވައި، މި ޔުނިވަރސިޓީއާއި ގުޅޭ ތާރީހް ބަޔާންކޮއްދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު