ދިވެހިންނަށް އެހީތެރިވުމުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީން ދީފި

3 months ago

އަފްރާހް

ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމިއޮންނާނެ ކަމުގައި އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރު، ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޖުލައި 14 ވަނަ ދުވަހު މެންދުރު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާ އިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި ގުޅިގެން ވެސް ދެ ބޭފުޅުންގެ މަޝްވަރާކުރެއްވިއެވެ.


މީގެއިތުރުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ގަބޫލުފުޅުކުރައްވައި ރައީސް ޑރ. މުއްިޒު އިންޑިއާއަށް ވަޑައިގެންނެވީތީ ސަފީރު ޝުކުރުއަދާކުރެއްވިއެވެ. އަދި ދެ ގައުމުން އެއްބާރުލައިގެން ފައިދާހުރި އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.


އިންޑިއާގެ ސަފީރު ވަނީ ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމިއޮންނާނެ ކަމުގައި ވެސް ވިދާޅުވެފައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ލިބިވަޑައިގަތް ދައުވަތަށް އެ ގައުމަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާ އިން އަދާކުރެއްވި މެހެމާންދާރީއާ ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްގީއާ ކުރިއެރުމުގައި އަދި ދިވެހިރައްޔިތުން އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އިންޑިއާއިން ދޭ ސަމާލުކަމާ އަހައްމިއްޔަތު ފާހަގަކުރައްވައިފައެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ އުންމީދީ ވާހަކަފުޅުތަކާއެކުއެވެ. އަދި އިންޑިއާކަނޑުގެ ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމުގައި، މިހާރެކޭ ވެސް އެއްގޮތަށް، އެއް ވިސްނުމެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.


މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޚާރިޖީވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަތެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވަނީ، ޤައުމުތަކާ ގުޅިގެން، ހަލުވި ބާރުމިނުގައި ރާއްޖެ ތަރައްޤީކުރުމަށް، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލުމާއިއެކު މަސައްކަތްކުރެއްވުމަށް އިސްކަންދެއްވުމުގެ ޚާރިޖީ ސިޔާސަތެވެ.


ކިޔުންތެރިންގެ ހިޔާލު

ދުސްތޫރީ

އެހެންވެބާ މަރިޔަމް ރަޝީދާއާއި ފަޢުޒިއްޔާ ޙަަސަނަށް އެވަރުގެ އަނިޔާދިނީ. އެކަމުގެ އޮންސާފު ލިބެންޖެހޭ. ރާއްޖޭގެ ސަރުކާރުން މިކަމުގަ ބަސްބުނަންޖެހޭ. އެޗް އާރުސީއެމް އާއި އަންހެނުން ޖަމިއްޔާތައް ހާއްސަކޮށް އަޑުއުފުލާ ތެދުވަންންޖެހޭ. އިންޑިޔާ ޖަވާބުދާރީވާންޖެހޭ. އަދަބުދީ ބަދަލު ނަގައިދޭންޖެހޭ.

3 months ago