ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ހައްލުކުރުން އަވަސްކުރުމަށް މަޝްވަރާކޮށްފި

3 months ago

އަފްރާހް

"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ކުރި ޒިޔާރަތްތަކުން، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާގެ އެކި މައްސަލަތައް ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ އޭގެތެރޭގައި ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި ބޭސް ސިޓީ އައު ކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރެވިފައިވާ ކަަމަށެވެ.


މިކަންކަމަށް ރިއާޔަތްކޮށް، މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދިދާނެގޮތްތަކާއި ގުޅޭގޮތުން އެ ވުޒާރާއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް. އެޗް) އާއި މަޝްވަރާކޮށްފައިވާކަމަށް ވިދާޅުވިއެވެ.


އެ ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާއެކު ބޭއްވި މި ބައްދަލުވުމުގައި މިފަދަ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތައް ގެނައުމަށް ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވިފައިވާކަމަށް ވިދާޅުވިއެވެ.


"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މައްސަލަތަކަށް ހައްލު ހޯދައި، ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ބޭސްފަރުވާއާއ ގުޅުންހުރި މައްސަލަތަކަށް އަވަސް ޙައްލުތައް ހޯދުމަށް އެ ވުޒާރާއިން ގެންދަނީ ހުޅުމާލެ ހޮސްޕިޓަލް އަދި އެންސްޕާއާއި އެކު ވެސް ގާތުން މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު