ޔޫރޯ 2024: އިންގްލެންޑު ރޮއްވާލައި، ސްޕެއިން ތަށި އުފުލާލައިފި

5 months ago

އަފްރާހް

ޖަރުމަނުގައި ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފިއެވެ.


އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައުބެއަހަރުގެ ވެސް ރަނަރއަޕް ޓީމުކަމުގައިވާ އިންގްލެންޑާއި ވާދަކޮށް 2 ލަނޑު 1 ލަނޑުންނެވެ.


މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަަށް ގޯލެއް ޖެހިފައެއް ނުވެއެވެ.


އެހެންނަމަވެސް ފަހުހާފު ފަށައިގެން މާގިނަވަގުތެއް ނުނަގައި، ސްޕެއިން ވަނީ ގޯލެއް ޖަހާ ލީޑު ނަގާފައެވެ. މި ގޯލު ޖަހައިދިނީ 47 ވަނަ މިނެޓުގައި ނިކޯ ވިލިއަމްސް އެވެ. މި ގޯލަށްފަހު ވެސް އެޓީމަށް ވަނީ ލީޑު ފުޅާ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ސްޕެއިންގެ އެންމެ އުއްމީދީ އަދި މި މުބާރާތުގައި ވެސް އެންމެ އަލިގަދަ ޒުވާން ތަރި ޔަމީން ޔަމާލް އަށް ވެސް ވަނީ ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.


އިންގްލެންޑުން މެޗުގެ ނަތީޖާ އެއްވަރުކުރީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކޯލް ޕާމާއެވެ. އެއީ 73 ވަނަ މިނެޓުގައި ޖަހައިދިން ގޯލުންނެވެ.


މިއަށްފަހު ދެ ޓީމުން ވެސް އެޓޭކަށް ވަރަށްބޮޑަށް ސަމާލުކަންދީ، ހަމަލާތައް އުފައްދަމުން ދިޔައެވެ. އެކަމަކު ކާމިޔާބީ ލިބުނީ ސްޕެއިނަށެވެ. އެއީ 86 ވަނަ މިނެޓުގައި މިކެލް އޮޔާޒަބަލް ޖަހައިދިން ގޯލުންނެވެ.


ކިޔުންތެރިންގެ ހިޔާލު