ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަސީލަތްތައް އިތުރުކުރަންޖެހޭ: ސީޕީ

3 months ago

އަފްރާހް

މުޖުތަމައުގައި ކުށްކުރުން އިތުރުވަމުންދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އިތުރުކުރަންޖެހިފައިވާ ކަަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.


ސީޕީ މިފަދައިން ވިދާޅުވީ ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އެއްގަމު އުޅަނދު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުންނެވެ.


އެމަނިކުފާނު ވިދާޅުވީ އެކަންކުރެވޭނީ ރަނގަޅު ވަސީލަތްތައް ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްގެން ކަމަށެވެ.


މި ރަސްމިއްޔާތުގައި ޖަޕާން ސަފީރު ވިދާޅުވީ މިއީ އެގައުމުގެ ސަރުކާރުން ލޯ އެންފޯސްމެންޓަށް ސަޕޯޓުދޭން ބޭނުންވާކަމުގެ ހެއްކެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ފަސޭހަވާނެކަމަށެވެ.


އެގޮތުން ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެހެނިހެން ވަސީލަތްތައް ވެސް ޖަޕާނު ސަރުކާރުން ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.


ސަފީރު ވިދާޅުވީ މެޓަލް ޑިޓެކްޓަރ، ލޭސަރަރ، ޕެސެންޖަރ ކްރާފްޓު އަދި ރަބަރ ބޯޓު ފަދަ ތަކެތި މުސްތަގުބަލުގައި ހަދިޔާކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު