ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ފިޔަވަޅުތައް އަޅައިދީ: މިނިސްޓަރ ޝިޔާމް

3 months ago

އަފްރާހް

ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ގޮވާލައްވައިިފިއެވެ.


އެމަނިކުފާނު މިފަދައިން ގޮވައިލެއްވީ ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމްޢިއްޔާ (އެފްއޭއޯ) ގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަަކަ ދައްކަވަމުންނެވެ.


މިނިސްޓަރު ވަނީ މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި އެއްތަނބު ކަމަށާއި އެގޮތުން މި ސިނާއަތުގައި ރާއްޖޭގެ މަސައްކަތްތެރިންގެ 11 އިންސައްތަ މީހުން ވަޒީފާ އަދާކުރާއިރު، އެ ސިނާއަތް އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.


މީގެއިތުރުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރުމަށް ރާއްޖެއިން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ދެމެހެއްޓެނިވި މަސްވެރިކަމެއްކޮށް، ދުނިޔެއަށް ރާއްޖެއިން އެކަމުގެ މިސާލު ދައްކުވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


އެހެންނަމަވެސް އެ މަސައްކަތް ރާއްޖެއަށް އެކަނި ނުކުރެވޭނެކަން ފާހަގަކުރައްވައި، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ފަދަ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް މަސްވެރި ސިނާއަތުގައި ވިޔަފާރި ކުރުމަށް ހުރި ހުރަސްތަކަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.


އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ މާކެޓަށް މަހުގެ ބާވަތްތައް ނެރުމުގައި ކުރަންޖެހޭ ޚަރަދުތައް ބޮޑުވުން ފާހަގަކުރެއްވިއިރު، މަސް ބޭރުކުރުމަށް ރާއްޖެއިން ބޮޑު ޓެކްސްއެއް ދައްކަންޖެހޭކަން ވެސް ފާހަގަ ކުރެއްވިއެވެ.


މިނިސްޓަރު ވިދާޅުވީ މިކަމާއި ގުޅިގެން މަސް ޕްރޮސެސްކުރުމަށް ރާއްޖެއިން ރޯ ގަނޑުކުރި ކަޅުބިލަ މަސް ދުނިޔޭގެ ބާޒާރަށް ނެރެން މަޖުބޫރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ މަހުގެ އަގު އެއްކޮށްގެން ރާއްޖެއިން މަސް ބޭރުކުރުން ކަމަށާއި މި ހާލަތު ބަދަލުކުރަން ބޭނުންވާކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު