މަރްހޫމް ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ތަޖުރިބާކާރު ގައުމީ ހިދުމަތްތެރިއެއް: ރައީސް

3 months ago

އަފްރާހް

މަރުޙޫމް ޙުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ގައުމީ ހިދުމަތްތެރިއެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކިފާނު މިފަދައިން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ބްރޭންޑެއް ކަމަށްވާ އޯޒެން ރިޒާވް ބޮލިފުށީގެ ވެރިޔާ ހުސައިން ޝަރީފް ނިޔާވުމާއިގުޅިގެން މަރްހޫމްގެ އާއިލާ އަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.


'އެކްސް' މެދުވެރިކުރައްވައި ފޮނުއްވި މެސެޖުގައި ރައީސް ވަނީ މިސްކިތް ބިނާކުރެއްވުމާއި ނިކަމެތީންނަށާއި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި ވެސް ޝަރީފަކީ އިޙްސާންތެރި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.


"މަރުޙޫމް ޙުސައިން ޝަރީފް އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތް ރަސްކަލާނގެ ތަނަވަސްވެގެންވާ ރަޙްމަތާ ނިޢުމަތުގައި މަރުޙޫމް ޙުސައިން ޝަރީފް ލަހައްޓަވާށިއެވެ. އާމީން." ރައީސް ވިދާޅުވިއެވެ.


ޙުސައިން ޝަރީފް ނިޔާވުމުގެ ހިތާމައިގާ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ ޝަރީފަކީ ޚުލްޤު ހެޔޮ ދީލަތި ބޭފުޅެއް ކަމަށެވެ.


މީގެއިތުރުން ޝަރީފާއެކު ބޭއްވި ބައްދަލުވުމުގައި މާލޭ އިބްރާހީމް މިސްކިތް އަލުން ބޮޑުކޮށް ޤުއްބުލާފައި ތަރައްގީކުރުމަށް ޝަރީފް ހުށައަޅާފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އެ ޕްރޮޕޯސަލަށް ސަރުކާރުން ރުހުން ވެސް ދެއްވާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު