ކެންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް މިއަހަރު ލިބޭނެ: މިނިސްޓަރ

3 months ago

އަފްރާހް

ބ. ކެންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް މިއަހަރު ލިބޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. މުއްތަލިބު ވިދާޅުވެއްޖެއެވެ.


މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.


ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޒާކިރު ކުރެއްވި ސުވާލަކީ ސަރުކާރުން އެމްޑަބްލިއުއެސްސީ މެދުވެރިކޮށް ފަށާ އަދި ނިމުމަކާއި ހަމައަށް ގޮސްފައިވާ، ބ. ކެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ހުއްޓިފައިވާއިރު، ބާރަށް ކުރިއަށްގޮސް ޚިދުމަތް ލިބުމަށް ރައްޔިތުން އެދޭއިރު ޕްރޮޖެކްޓް ނިންމައި ޚިދުމަތް ދެވޭނެ ތާރީޚަކީ ކޮބައިތޯ އެވެ.


މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެއީ 720 ދުވަސްތެރޭގައި ނިންމަން 44.8 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަަމަށެވެ. އަދި އެ މަޝްރޫއު ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަ 15 ވަނަ ދުވަހު ކަމަށެވެ.


މިނިސްޓަރ އިތުރަށް ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު، އެ މަޝްރޫއުގެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި ކަމަށެވެ. އަދި 2022 ވަނަ އަހަރު ނިންމަން އޮތްނަމަވެސް ނިމިފައި ނުވާ ކަމަށެވެ.


އެހެންނަމަވެސް އެ މަސައްކަތް މިހާރު ފެށި މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިމޭނެކަމަށް ލަފާކުރެއްވޭކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު