އެމްބަޕޭގެ ހުވަފެން ހަގީގަތަކަށް، މިހާރު އެއީ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއް

3 months ago

އަފްރާހް

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކިލިއަން އެމްބަޕޭ ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅިއްޖެއެވެ.


މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އެ ކުލަބަށް ބަދަލުވީ ފަސް އަހަރުގެ މުއްދަތަށެވެ. އަދި އެމްބަޕޭ ރެއާލް މެޑްރިޑަށް ބަދަލުވުމަށް ކުރަންޖެހޭ ހުރިހައި ކަމެއް މިއަހަރުގެ ޖޫން މަހު، ނިންމާފައިވީނަމަވެސް އެކަން ލަސްވީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ ގައުމީ ޓީމާއެކު ހުރުމުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.


ރެއާލް މެޑްރިޑުގެ ކުޅުންތެރިއެއްގެ ގޮތުގައި އެމްބަޕޭ ދައްކައިލުމަށް ޖުލައި 16 ވަނަ ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ. މިރަސްމިއްޔާތުގައި 80200 ސަޕޯޓަރުން ވަތްކަމަށް އެކުލަބުން ހާމަކޮށްފައިވާއިރު، މިއީ ރެކޯޑު އަދަދެއް ކަަމަށް ވެސް ބުނެއެވެ.


މީގެކުރިން އެންމެގިނަ ސަޕޯޓަރުންނާއެކު މިފަދަ ރަސްމިއްޔާތެއް ބޭއްވީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެފަހަރު ވަނީ 79800 ސަޕޯޓަރުން ކަަމަށް ރިޕޯޓުތައް ބުނެއެވެ.


ރެއާލް މެޑްރިޑުގައި އެމްބަޕޭ ބޭނުންކުރާނީ ކަރިމް ބެންޒެމާ ބޭނުންކުރި ޖާރޒީ ނަމްބަރު 9 އެވެ. މިއީ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އެ ކުލަބަށް ބަދަލުވެ، ބޭނުން ކުރި ނަމްބަރެވެ. ރޮނާލްޑޯ އަށް 7 ނަމްބަރު ޖާރޒީ ނުލިބުނީ ރެއާލްގެ އޭރުގެ ކެޕްޓަން ރައުލް ބޭނުންކުރަމުންދާތީއެވެ. އެކަމަކު ޖެހިގެން އައި ސީޒަންގައި ރައުލް އެ ކުލަބު ދޫކޮށްލުމުން ރޮނާލްޑޯ ބޭނުންކުރީ 7 ނަމްބަރު ޖާރޒީއެވެ.


އެމްބަޕޭ އަށް ވެސް ކަންތައް ދިމާވެފައި މިވަނީ އެފަދައިންނެވެ. އެއީ އޭނާ ކުލެމުން އަންނަ ޖާރޒީ ނަމްބރު 10 ގައި މިހާރު ކުޅެމުން އަންނަނީ ލުކާ މޮޑްރިޗެވެ. އެހެންނަމަވެސް ކުރިއަށް އޮތީ މޮޑްރިޗު އެ ޓީމުގައި ހޭދަކުރާ ފަހު ސީޒަނަށް ވާތީ، މޮޑްރިޗު ދިއުމުން އެމްބަޕޭގެ ރަސްމީ ނަމްބަރު އޭނާ އަށް ލިބޭނެކަމަށް ބެލެވެއެވެ.


އުމުރުން 25 އަހަރުގެ އެމްބަޕޭ ބުނީ ރެއާލް މެޑްރިޑަށް ކުޅުމަކީ އަބަދު ވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއިި އެ ހުވަފެން ހަގީގަތަކަށްވުމުން ވަރަށް އުފާވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު