ށ. އަތޮޅުގައި އިބަމަ ޕްރޮގްރާމުގެ ތަމްރީނުތައް ފަށައިފި

3 months ago

އަފްރާހް

ށ. އަތޮޅުގައި އިބަމަ ޕްރޮގްރާމުގެ ތަމްރީނުތައް ފަށައިފިއެވެ.


އެ އަތޮޅު ކައުންސިލުގެ އިސްނެގުމާއެކު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ޖުލައި 16 ން 22 ވަނަ ދުވަހުގެ ނިޔަލަށެވެ.


އެ ވުޒާރާ އިން ވަނި ށ. އަތޮޅުގެ އިބަމަ މެންބަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ތަމްރީނުގައި އެ އަތޮޅުގެ ހުރިހައި ރަށްރަށުގެ މުއައްސަސާތަކުން ދެއްވާ ފުރިހަމަ އެއްބާރުލުން ފާހަގަކުރައްވާފައެވެ.


މި ތަމްރީނު ފަރުމާކޮށްފައިވަނީ އެ އަތޮޅުގައި އިބަމައިގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، މި މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވާ ހަރަކާތްތައް ހިމަނައިގެންނެވެ.


އެގޮތުން ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި އެފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގައި އިބަމައިގެ މެންބަރުންނަށް ކުރެވޭނެ ކަންކަން ހިމެނެއެެވެ. އަދި އެ މަސައްކަތްތައް ކުރުމަށް މެންބަރުންނަށް ބޭނުންވާނެ ތަފާތު އެކި ހުނަރާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.


މީގެއިތުރުން މި ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރާނެ ގޮތް ވެސް ކިޔައިދޭނެއެވެ. އަދި ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.


އިބަމައިގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރު ކުރެވެމުން އަންނަ އެންމެހައި މަސައްކަތްތަކަކީ މި ސަރުކާރުގެ އޯގާތެރި މުޖުތަމައެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ޖަމާއަތުގެ އިޖްތިމާޢީ ދުޅަހެޔޮކަމާއި މަސަލަސްކަން ކަށަވަރު ކުރުމަށް ރަށުފެންވަރުގައި ހަރަކާތްތެރިވާ ހުރިހާ މުއައްސަސާތަކެއްގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން، ހައްލު ހޯދޭނެ އިންތިޒާމް ގާއިމުކުރުމެވެ.


މީގެއިތުރުން މުޖުތަމައުގެ ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިޖުތިމާއީ ރައްކާތެރިކަން ވިލަރެސް ކުރެވިފައިވާ ނިޒާމަކުން ކަށަވަރުކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތްތަކެކެވެ. 


ކިޔުންތެރިންގެ ހިޔާލު