ރާއްޖެއިން ބޭރުގައި ދިވެހީން ކުރާ ކައިވެނި ރަޖިސްޓްރީ ނުކުރާނަމަ ޖޫރިމަނާ ކުރަނީ

3 months ago

އަފްރާހް

ރާއްޖެއިން ބޭރުގައި ދިވެހީން ކުރާ ކައިވެނި މުއްދަތުގައި ރަޖިސްޓްރީ ނުކުރާނަމަ ޖޫރިމަނާ ކުރަން ނިންމައިފިއެވެ.


ރާއްޖޭގެ ފެމިލީ ކޯޓުން ނެރުނު ބަޔާނެއްގައި ވަނީ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ޖޫރިމަނާއާ އެކުގައި ކަމަށެވެ. އެގޮތުން 1000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.


އާއިލާއާ ބެހޭ ގާނޫނުގައިވާގޮތުން ރާއްޖޭގެ ރަސްމީ އޮފީހެއް ހުރި ގައުމެއް ނަމަ މަދުވެގެން ދެ މަސް ދުވަސް ތެރޭގައި ރާއްޖޭގައި ކައިވެނި ރަޖިސްޓްރީކުރަން ޖެހޭނެއެވެ. އަދި އެފަދަ އޮފީހެއް ނެތް ގައުމެއްނަމަ މަދުވެގެން 6 މަސް ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހޭނެއެވެ.


އެ ކޯޓުގެ ބަޔާނުގައި އިތުރަށް ބުނީ ރާއްޖޭން ބޭރުގައި ދިވެއްސަކު ކުރާ ކައިވެންޏެއް ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ ލިޔެކިޔުންތަކާއިއެކު ކޯޓަށް ހުށަހަޅައިފިނަމަ ރަސްމީ ތިން ދުވަހާއި 7 ދުވަހުގެ ތެރޭގައި އެ ކައިވެންޏެއް ރަޖިސްޓްރީ ކޮށްދޭނެ ކަމަށެވެ.


 


ބޭރު ގައުމުތަކުގައި ކައިވެނިކުރުމަށްފަހު، ރާއްޖޭގައި އެ ކައިވެނި ރަޖިސްޓްރީ ނުކޮށް އުޅޭ މައްސަލަ މިހާރަކަށް އައިސް ރާއްޖޭގައި ފާހަގަކުރެވޭއިރު، މިގޮތަށް ކައިވެނިކުރަނީ ވަލީ ދޭން ދެކޮޅުހެދުމާއި ސިއްރުން ކައިވެނި ކުރުމެވެ. އަދި ދެއަންބަށް ކައިވެނި ކުރުމެވެ. 


ކިޔުންތެރިންގެ ހިޔާލު