ހިމަންދޫ އަންހެން ކަނބަލުންނަށް ފަހަން ދަސްކޮށްދޭ ޕްރޮގްރާމެއް ބާއްވައިފި

5 months ago

އަފްރާހް

އއ. ހިމަންދޫ އަންހެން ކަނބަލުންނަށް ފަހަން ދަސްކޮށްދޭ ޕްރޮގްރާމެއް ބާއްވައިފިއެވެ.


މިއީ ތުރުކިޔޭގެ އުއްމަ ޖަމިއްޔާގެ އެހީތެރިކަމާއެކު އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމިއްޔާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.


ރާއްޖޭގެ ބައެއް މީޑިއާ އަށް ޚިދުމަތް ޖަމިއްޔާ އިން ބުނެފައިވާގޮތުގައި މިއީ ރާއްޖޭގެ 10 ސަރަހައްދަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އަދި އެންމެފުރަތަމަ ޕްރޮގްރާމު ހިނގީ ހިމަންދޫގައި ކަމަށެވެ.


މި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ހިމަންދޫ ސްކޫލް ހޯލުގައި ވަނީ ހާއްަ ރަސްމިއްޔާތެެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެރަށު ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލް އެވެ. އެ ރަސްމިއްޔާތުގައި ވަނީ އެންމެ ބޭނުން ޖެހިފައިވާ ދެ ފަރާތަކަށް ފަހާ ފޮއްޓާއި ފަހަން ބޭނުންވާ ބައެއް ސާމާނު ވެސް ހަދިޔާ ކޮށްފައެވެ.


މި ކޯހުގައި ކިޔަވައިދީފައިވަނީ 25 އަހަރުގެ ފެހުމުގެ ތަޖުރިބާ ހުރި ޓޮޕްސީ ސެންޓަރގެ ނައިބު ރައީސާ ޝިޔާމާ އަހްމަދު އާއި އެ ސެންޓަރުގެ އިތުރު ޓީޗަރެއް ކަމަށްވާ މަރިޔަމް އަފީފާ ކަމަށް ހޯޕް ޖަމިއްޔާ އިން ވަނީ ބުނެފައެވެ.


މިފަދަ ޕްރޮގްރާމެއް ބޭއްވުމުގެ މަގްސަދަކީ އަންހެނުން ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ މަގެއް ފަހިކޮށްދިނުމެވެ. އަދި އަންހެނުން ބާރުވެރިކުރުވުމެވެ.


ކިޔުންތެރިންގެ ހިޔާލު