ކަސްޓަމްސް އިން ދެނީ ފަސޭހަ ހިދުމަތެއް ނޫން: މިނިސްޓަރ އިހްސާން

3 months ago

އަފްރާހް

ކަސްޓަމްސް އިން ދެނީ ފަސޭހަ ޚިދުމަތެއް ނޫން ކަމުގައި ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 134 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައެވެ.


މި ރަސްމިއްޔާތު ޝާރަފްވެރިކޮށްދެއްވައި، ވާހަކަ ދަައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައްޔިތުންނާއި ގާތުން ހިދުމަތް ދެމުންދާއިރު، އަބަދުވެސް ސަލާމަތީ ކަންކަން ކަށަވަރުކުރަމުން ގެންދަންޖެހޭ ކަމަށެވެ.


މީގެއިތުރުން ކަސްޓަމްސް އިން ދެމުންގެންދާ ހިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާންވާނީ، ކަސްޓަމްސް އިން ގަބޫލުކުރާ ހަމަތަކާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.


އެގޮތުން "އިންޓެގްރިޓީ"، "ރެސްޕެކްޓް"، "ކޮމިޓްމަންޓް"، "އެމްޕަތީ" އަދި "ވިޖިލިޓީ" ގެ ހަމަތަކުގެ މަތިން ކަންކަން ކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.


ހަމަމިއާއެކު ޔުނިފޯމް އެޅި ހުރިހައި މުއައްސަސާތަކުން ހިދުމަތްދިނުމުގައި އިންޓެގްރިޓީ ހިފެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކުރެއްވިއެވެ. އަދި އެކަން ކަށަވަރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.


މިނިސްޓަރ އިހްސާން އިތުރަށް ވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމްސް އިން ދެވޭ ހިދުމަތްތަކަކީ އަވަސް އަދި ލުއިފަސޭހަ ހިދުމަތްތަކެއްކަމުގައި ހެދުމަށް، ކަސްޓަމްސްގެ ޚިދުމަތްތަކަށް ގެނެވުނު މުހިއްމު ބަދަލުތައް ފާހަގަކުރައްވާ، އެކަމަށްޓަކައި ކަސްޓަމްސްގެ އިސްވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު