ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ އިތުރު ލުޔެއް

3 months ago

އަފްރާހް

ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާއެކު އެގައުމަށް ދަތުރުކުރާ ދިވެހީންނަށް ލުއިފަސޭހަތަކެއް ލިބިއްޖެއެވެ.


ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ޖުލައި 15 ވަނަ ދުވަހުން ފެށިގެން އެގައުމަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާ ނުލައި 60 ދުވަހު ތައިލެންޑުގައި ހުރެވޭގޮތަށް މިހާރުވަނީ ހަމަޖައްސާފައި ކަމަށެވެ.


ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް މި ލުއި ފަސޭހަ ލިބޭއިރު، މި 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް ވެސް ވިދާޅުވެއެވެ.


ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ދަތުރަށްފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސެއް ހޯދުމުގެ މުހިއްމުކަމާއި ރާއްޖެއިން ބޭރުގައި އުޅޭއިރު، އެގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު