ޑރ. ޢާއިޝަތު ޝިހާމް، ޔުނިސެފްގެ މަންދޫބު އާއި ބައްދަލުކުރައްވައިފި

3 months ago

އަފްރާހް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ރާއްޖެއަށް އައްޔަނުކުރައްވާފައި ހުންނަވާ ޔުނިސެފްގެ މަންދޫބު ޑރ. އެޑްވަރޑް އައްޑައި އަދި ޔުނިސެފްގެ ޓީމާއި ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުވުމުގައި އެ ވުޒާރާއާއި ޔުނިސެފް ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކާއި މިހާރު ކުރިއަށް ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.


މީގެ އިތުރުން ޔުނިސެފްގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމްތަކުގެ ތެރެއިން، ޑޭޓާބޭސް އަދި ކޭސް މެނޭޖްމަންޓް ސިސްޓަމާއި އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) އާ ގުޅޭ މަޝްވަރާތައްވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މި ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއެކު، ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.


އެ ވުޒާރާއިން ޔުނިސެފާއި ގުޅިގެން ކުރިއަށް ގެންދާ އެކި ޕްރޮގްރާމުތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ދެފަރާތުގެ ބައިވެރުން އޮތުން މުހިންމުކަމާއި ގުޅޭގޮތުން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވަނީ އަލިއަޅުވާލައްވާފައެވެ.


ހަމައެހެންމެ، ދެ އިދާރާ ގުޅިގެން ކުރެވޭ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ދޭންޖެހޭ އެހީތެރިކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފުރިހަމައަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރ ވަނީ ޔުނިސެފްއަށް ދެއްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު