ކުނި މެނޭޖްކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމުގައި ގޮންޖެހުންތައް އެބަހުރި: މިނިސްޓަރ

3 months ago

އަފްރާހް

ކުނި އުފައްދާ މިންވަރު އިތުރުވަމުންދާއިރު އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމުގައިވެސް ގޮންޖެހުންތައް އެބަހުރިކަމަށް އެންވަޔަރްމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ހިދުމަތް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


ކުނީގެ މައްސަލައަކީ މުޅި ރާއްޖެއާއި ދުނިޔެއަށް ބަލާއިރު ވެސް ބޮޑުވަމުން އަންނަ މައްސަލައެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ކުޅުދުއްފުށި ފަދަ ބޮޑު ސިޓީއެއްގައި ކުނީގެ މައްސަލައަށް ޒަމާނީ ހައްލެއް ހޯދުމަށް ވެމްކޯއާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭނެކަމަށެވެ.


މިނިސްޓަރު ތޯރިގު އިތުރަށް ވިދާޅުވީ އެ ސިޓީއަކީ ޒަމާނުއްސުރެ ސާފުތާހިރުކަމަށް ލޯބިކުރާ ރައްޔިތަކު ތިބި ސިޓީއެއް ކަމަށާއި އެކަން ހާމަވަނީ ކުނި އުކާލުމުގެ ހިދުމަތް ނުލިބޭއިރުވެސް އާބާދީ ބޮޑު އެ ސިޓީގެ މަގުތަކުން ކުނި ނުފެނުމާއި ކުނި ގެންދިޔުމުގައި މަގުތަކަށް ކުނި އެޅުން ފަދަ ކަންކަން ނުފެންނާތީ ކަމަށެވެ.


ކުނި މެނޭޖްކުރުން އެންމެ ރަނގަޅުގޮތުގައި ހަރުދަނާކޮށް ކުރިއަށްގެންދިޔުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، މިކަމަށް ބޭނުންވާ ތަމްރީންތަކާއި މައުލޫމާތާއި ވަސީލަތްތައް ފޯރުކޮށް ދިނުމަށް ޑަބްލިއުޑީސީ އާއެކު އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު