މަޖީދީ ދަންމަރު މިއުޒިކް ޝޯވ މި މަހު 24 ގަ، ޓިކެޓު މިހާރު ވެސް ލިބޭނެ

3 months ago

އަފްރާހް

މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސަލްކޮށްފައިވާ ދަރިވަރުންގެ އިސްނަގައިގެން ބާއްވާ މިއުޒިކް ޝޯވ "މަޖީދީ ދަންމަރު" މި ޖުލައި މަހުގެ 24 ވާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައި، ތައްޔާރީތައް ވާން ފަށައިފިއެވެ.


މ.މ.ދ ޖަމްޢިއްޔާގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު ޢަޒްމީ 'އޮއިވަރު' އަށް ވިދާޅުވީ މިއީ އެ ސްކޫލުގެ މުސްކުޅިދަރިވަރުންގެ ތެރެއިން މިއުޒިކީ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކުން އިސްނަގައިގެން ބާއްވާ ޝޯވއެއް ކަަމަށެވެ. އަދި ޝޯވ ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުގެރޭ 9 ޖަހާއިރު ކަަމަށެވެ.


މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން މާލަމުގައި ބާއްވާ މި ޝޯވއަކީ އެ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމަށް، 1000 ދުވަހުގެ ކައުންޓްޑައުން މި ޖުލައިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ބާއްވާ މިއުޒިކް ޝޯވއެކެވެ.


މިއީ މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލުކޮށްފައިވާ މުސްކުޅި، އެހެނަސް ޖޯޝާއި ފޯރީގައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ގިނަ ފަންނާނުން އެއް ސްޓޭޖަކުން ފެންނާނެ ފަހަރުވެސް މެއެވެ.


މައިޒާން ޢަލީ މަނިކް، ޢަބްދުއްރަޝީދު ޢަލީ (އަބްސީ)، ޕެނަމާ ޝަފީޤް، ޝަމްޢޫން ޙަމީދު، އިބްރާހީމް ޢާމިރު، ފަޔާޒް މަންޞޫރު، މުޙައްމަދު ސުހައިލް ފަދަ ބޭފުޅުޅުން ގެންދަވަނީ އަވަދިނެތި މިޝޯވ އަށް ތައްޔާރުވަމުންނެވެ. އަދި ޢަބްދުﷲ ޝަމާލް، އަޙްމަދު އަނިލް، އަޙްމަދު ޢާމިރު، އަޙްމަދު ސުނިލް، އަޙްމަދު ޢާތިފް (އެކްސްރޭ އާތިފް) ފަދަ ބޭފުޅުން ވެސް ވަނީ އެ ބޭފުޅުންގެ "އިހު ހުރި ހުނަރު" މިހާރު ވެސް ހުރިކަން ސާބިތުކޮށްދިނުމަށް އަތުކުރި އޮޅައިލާފައެވެ.


މީގެއިތުރުން މަބާޙް އާއި ހައިރޭންޖުގެ ލަވަތައް ކިޔުމުގައި ރާއްޖޭގެ އެންމެފުންނާބު އުސް ލަވަކިޔުންތެރިޔާ ކަމުގައިވާ އަޙްމަދު އިބްރާހީމް (އައްމަޑޭ) ގެ ހުށަހެޅުންތަކަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.


މި ޝޯވ ގެ ޓިކެޓު ވިއްކަމުންދަނީ އަމީރު އަޙްމަދު މަގަށް ވާގޮތަށް ހުންނަ މަޖީދިއްޔާގެ ގޭޓް ނަންބަރ 4 އިންނެވެ. ޓިކެޓް ވިއްކާ ގަޑިތަކަކީ ހެނދުނު 10 ން 12 އަށް އަދި ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެނެވެ.


މީގެއިތުރުން ރޭގނަޑު 8 ން 10 ޖަހަނަދެން ވެސް ޓިކެޓު ވިއްކާނެެވެ. ޓިކެޓު ގަތުމަށް ނުވަތަ މައުލޫމާތު ސާފުކުރަން ބޭނުން ފަރާތްތަކުން 7355788 ނަމްބަރަށް ގުޅުމުން އޮޅުންފިލުވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.


ޢަޒުމީ ވިދާޅުވީ މި ޝޯވ ގެ ޓިކެޓު މިހާރުވެސް ވިއްކަމުން އަންނަކަމަށާއި ވަރަށްބޮޑު ތަރުހީބެއް ވެސް ލިބެމުން އަންނަކަަމަށެވެ. އަދި ޓިކެޓުގެ އަގު ތަކަކީ 300 ރުފިޔާ، 200 ރުފިޔާ، އަދި 150 ރުފިޔާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ޝޯވ ގެ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހައި ފައިސާއެއް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު

ހިޔަލަ ޕެއާ

ސަލަފު މީހުންގެ ކަރޯކޭ އޮނާނެބާ ހަރާމް ވަނީ އެހެން ބަޔަކު ވެރިކަން ކުރާއިރު މިޔުޒިކު ކުޅުނީމަ ސަލަފު ސިއުނާ މެން ކަރޯކޭ ހެދިޔަސް ހަލާލު

3 months ago