އައި.ސީ.ޖޭ ގެ އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސް ޑރ. މުއިއްޒުގެ މަރްހަބާ

3 months ago

އަފްރާހް

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ޖުލައި 19 ވީ ހުކުރު ދުވަހު ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.


މިއީ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ހިންގާ ސިޔާސަތުތަކާއި އަމަލުކުރާ ގޮތްތަކުގެ ސަބަބުން ޤާނޫނީގޮތުން ނުކުންނަ ނަތީޖާތަކާ ގުޅޭ ގޮތުން ނެރުނު އެޑްވައިޒަރީއެކެވެ.


މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ޤަވާއިދާ ޚިލާފަށް ދެމިތިބުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ވަނީ ފަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިދޭކަން އައި.ސީ.ޖޭގެ އެޑްވައިޒަރީ އޮޕީނިއަންގައި ފާހަގަކޮށްފައިވާތީ އެކަން ވެސް ފާހަގަކުރައްވާފައެވެ.


މީގެއިތުރުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް އިސްރާއީލުން ވަޒަންވެރި ކުރުވަމުން ދިއުމުގެ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށާއި އިސްރާއީލުގެ ނާއިންސާފު ޢަމަލުތަކާ އަދި ތަފާތުކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ވެސް ގޮވާލައްވާފައެވެ.


އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އިއްޔެ އައި.ސީ.ޖޭ އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންއާއެކު، އިތުރަށް އައުވެގެން ދިޔަކަން ވެސް އެ މެސެޖުގައި ރައީސް ފާހަގަކުރައްވަފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު