ގުރައިދޫ މަރުކަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ކޮންމެދުވަހަކުވެސް!

3 months ago

އަފްރާހް

ކ. ގުރައިދޫގައި ގާއިމްކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ ފަރާތްތަކާއި ކޮންމެ ދުވަހަކު ވެސް ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.


މިކަން ހާމަކުރެއްވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ނައިބު އައިމިނަތު އިސްމާއިލް، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.


ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައި، އެކަމަނާ ވަނީ ހުކުރު ގަޑި ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ހުރިހައި ވަގުތެއްގައި ވެސް އެ ފުރުސަތު އޮންނާނެ ކަަމަށެވެ. އަދި ކޮންމެ ދުވަހެއްގެ ވެސް އިރުއޮއްސި 6 ޖެހުމާއި ހަމައަށް، ފަރުވާ ހޯދާ ފަރާތްތަކާއި ބައްދަލުކުރުމުގެ އިންތިޒާމު ކޮންމެ އާއިލާއަކަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.


އެ ވުޒާރާ އިން ވަނީ މި ފުރުސަތުގެ ބޭނުން އާއިލާތަކުން ހިފައި، ފަރުވާ ހޯދަމުންދާ ފަރާތްތަކާއި ބައްދަލުކުރުމަށް ވަޑައިގެންދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.


ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ފުރިހަމަކުރާ ފަރާތްތައް އާއިލާތަކާއި އަނބުރާ ހަވާލުކޮށް، އެ ފަރާތްތަކަށް އާއިލީ ދިރިއުޅުމެއް ހޯދައިދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


މީގެއިތުރުން ފަރުވާ ފުރިހަމަކުރުމަށް ފަހު، އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރުވާ ފަރާތްތަކަށް، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދީ، އަމިއްލައަށް ކަންކަން ކޮށްގެން އުޅުމަށް ބާރު އެޅުމަށް، މަރުކަޒުގައި ވަނީ ރީ-އިންޓަރގްރޭޝަން ވޯޑެއް ވެސް ގާއިމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު