ވިދާ ގުގުރުމުގެ މައުލޫމާތު ވަގުތުން ގެނެސްދޭ ނިޒާމެއް ރާއްޖޭގައި ފުރަތަމަފަހަަރަށް ގާއިމުކޮށްފި

3 months ago

އަފްރާހް

ލައިޓްނިންގ ޑިޓެކްޝަން ސިސްޓަމެއް ރާއްޖޭގައި ފުރަތަމަފަހަރަށް ގާއިމުކޮށްފިއެވެ.


މިއީ ޗައިނީސް އެކަޑެމީ އޮފް ސައިންގެ ދަށުން ހިނގަމުންދާ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިންގ އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގުޅިގެން ގާއިމުކުރި ސިސްޓަމެކެވެ.


މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރުވަނީ ލޯންގްރޭންޖް ލައިޓްނިންގ ޑިޓެކްޝަން އިކްވިޕްމެންޓް ބަހައްޓާފައެވެ.


އެންވަޔަރްމެންޓް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ މި ނިޒާމު، ސަރަހައްދީ ވިއުގައާއި ގުޅާލުމުން ރާއްޖެއާއި ރާއްޖޭގެ ވަށައިގެން ވާ ސަރަހައްދަށް އަންނަ ވިދާ ގުގުރުމުގެ ހާދިސާތައް ވަގުތުން ވަގުތައް ދެނެގަނެވޭނެ ކަމަށެވެ. އަދި މި ވިއުގަ އިތުރަށް ތަރައްގީކުރުމަށް ޝޯޓްރޭންޖް ލައިޓްނިންގ ޑިޓެކްޝަން އިކްވިޕްމެންޓް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތްތަނުގައި ކުރައްވާނެކަަމަށް ވިދާޅުވިއެވެ.


ވިދާ ގުގުރާ ހޮނު އެޅުމުގެ ސަބަބުން އެންމެ ގިނައިން ހަލާކުވަނީ އިލެކްޓްރިކް، އިލެކްޓްރޯނިކްސް އަދި މުވާސަލާތީ އާލާތްތަކެވެ. އަދި ބައެއްފަހަރު އެހެނިހެން ތަކެއްޗަށާއި މުދަލާއި ފުރާނަޔަށް ބޮޑެތި ގެއްލުންލިބިފައި ވެއެވެ. އޭގެއިތުރުން، ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އޭގެ އަސަރު ކުރުވައެވެ.


ލައިޓްނިން ޑިޓެކްޝަން ނެޓްވޯކް އެއްކޮށް ގާއިމުކޮށް ނިމުމުން، ވިދާގުގުރުމުގެ އެކިމަރުހަލާތައް ތަފާތުކޮށް ވަގުތުން ބަލައިލެވޭނެއެވެ. އަދި ވިދުވަރާއި ގުޅިފައިވާ ކޮޅިގަނޑު ދަތުރުކުރާ މިސްރާބު ދެނެގަނެވި ކުރިއަށް ލަފާކުރުމާއި ދުރާލާ ދެވޭ އިންޒާރުގެ ސައްޙަކަން އިތުރުވެގެންދާނެއެވެ.


މީގެއިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އިންޓަރނޭޝަނަލް ސިވިލްއޭވިއޭޝަނާއި ރާއްޖޭގެ ސިވިލް އޭވިޝަން ރެގިއުލޭޝަން ނަމްބަރު 3 އާއި އެއްގޮތްވާގޮތުގެ މަތިން ނެރެންޖެހޭ މޫސުމީ ސަމާލު (SIGMET) އަދި ފޯކާސްޓް (TREND) ތަކުގެ އެކިޔުރެސީ ވަރަށްބޮޑަށް މަތިވެގެން ދާނެއެވެ. 


ކިޔުންތެރިންގެ ހިޔާލު