އާޓިސްޓުންގެ ހުނަރު ތަރައްގީކުރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނަން: ރައީސް

3 months ago

އަފްރާހް

އާޓިސްޓުންގެ ހުނަރު ތަރައްގީކުރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.


އެމަނިކިުފާނު މި ޔަގީންކަން ދެއްވީ "އަންވެއިލިންގ ވިޜަންސް 2024" މައުރަޒު ބައްލަވައިލެއްވުމަށްފަހު ކުރިއަށްދިޔަ ހަފުލާގައި ދެއްކެވި ވާހަކަފުޅުގައެވެ.\


މީގެ އިތުރުން އާޓިސްޓުންގެ ހުނަރު ދައްކާލުމަށާއި އެ ހުނަރު ތަރައްގީކުރުމަށް ޖާގައިގެ ގޮތުން ތަނަވަސް ވަކި ތަނެއް ހުޅުމާލޭގައި ތަރައްގީ ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް މައުރަޒުތައް ބޭއްވޭނެ ގޮތްތައް ތަނަވަސްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.


ރައީސް ޑރ. މުއިއްޒު ވަނީ ބައިނަލްއަގްވާމީ ފޯރަމްތަކުގައި ވެސް އާޓިސްޓުންގެ ހުނަރު ދެއްކުމަށް މިސަރުކާރުން މަގުފަހިކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.


އެމަނިކުފާނު ވަނީ އަންނަ އަހަރުން ފެށިގެން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ބަޖެޓުން އާޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ގްރާންޓްގެ ގޮތުގައި ދޫކުރުމަށް، 25 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.


"އަންވެއިލިންގ ވިޜަންސް 2024" މައުރަޒަށް، އެކި ކުރެހުންތެރިން 200 އަށްވުރެ ގިނަ ހުށަހެޅުން ފޮނުވާފައިވެއެވެ. އޭގެތެރެއިން މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ) އިން ބެއްލެވުމަށްފަހު މި މައުރަޒަށް ހޮވާފައިވަނީ 105 ކުރެހުންތެރިންގެ މަސައްކަތްތަކެވެ.


ނޭޝަނަލް އާޓް ގެލަރީގައި މިހިނގާ ޖުލައި މަހުގެ 9 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މަރުރަޒުގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުރެހުންތެރިންގެ އިތުރުން އަލަށް މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެފައިވެއެވެ.


ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ 7 ވަނަ އަހަރެވެ.


ރޭގެ ހަފުލާގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ރައީސް އަށް ވަނީ "ކެޓަލޮގް" އެއް ވެދުމަށް އަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ "އަންވެއިލިންގ ވިޜަންސް 2024" އަށް ޒިޔާރަތްކުރައްވާ ބޭފުޅުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު