ސުނިލް ޗެތްރީ ގައުމީ ޓީމާ ދުރަށް

5 months ago

އަފްރާހް

އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމިގެ ކެޕްޓަން ސުނިލް ޗެތްރީ ބައިނަލްއަގްވާމީ ފުޓްބޯޅަ ކުޅުން ހުއްޓައިލާ، ގައުމީ ޓީމަށް ވެސް ކުޅުން ހުއްޓައިލައިފިއެވެ.


މީސްމީޑިއާގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައިވަނީ ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ކުޅޭނެ އެންމެފަހު މެޗަކީ، އަންނަ މަހު ކުވެއިތާ ދެކޮޅަށް ކުޅޭ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗު ކަމަށެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގަިއ ސަޕޯޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.


މީގެއިތުރުން ގައުމީ ޓީމަށް ކުޅުމަކީ ލިބުނު ވަރަށްބޮޑު ފަޚުރެއްގެ ގޮތުގައި އަބަދު ވެސް ދެކޭނެ ކަމަށް ވެސް ބުންޏެވެ. އަދި ގައުމީ ޓީމާއެކު އުފަލާއި ހިތާމަ ތަޖުރިބާ ކުރަން ޖެހިފައިވިޔަސް ގައުމު ތަމްސީލްކުރެވޭ ކޮންމެފަހަރަކު އުފާވެރިކަމުގެ އިހްސާސް ކުރެވޭ ކަމަށް ވެސް ޗެތްރީ ވަނީ ބުނެފައެވެ.


ޗެތްރީ އިތުރަށް ބުނީ މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓައިލަން އެންމެރަނގަޅު ވަގުތު ކަމަށާއި އެކަން ކުރަނީ އަމިއްލަ ސިކުނޑި ވެސް އެކަމަށް ތައްޔާރުވުމުން ކަމަށެވެ.


އުމުރުން 39 އަހަރުގައި 2005 ވަނަ އަހަރު އިންޑިއާ ގައުމީ ޓީމަށް ކުޅެން ފެށި ޗެތުރީ ގައުމީ ޓީމުން ރިޓަޔަރ މިކުރަނީ 19 އަހަރު ގައުމީ ޓީމަށް ކުޅުމަށްފަހުއެވެ.


އޭނާ އިންޑިއާގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ ޕާކިސްތާނާ ދެކޮޅަށް 2005 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ކުޅުނު މެޗެވެ. އެ މެޗުގައި އޭނާ ވަނީ ލަނޑު ވެސް ޖަހާފައެވެ.


ޗެތްރީ މިހައިތަނަށް ވަނީ ގައުމީ ޓީމަށް 145 މެޗު ކުޅެދީފައިވާއިރު، 94 ލަނޑު ވަނީ ޖަހައިދީފައެވެ.


ޗެތުރީ ހޯދާފައިވާ ބައިނަލްއަގްވާމީ ކާމިޔާބީތަކުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދުމާއި 2008 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބުކުރުމާއިނެހްރޫ ކަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދުން ހިމެނެއެވެ. އަދި އިންޓަރ ކޮންޓިނެންޓަލް ކަޕް ދެފަހަރު ހޯދައި، އިންޑިއާ ޓްރައިނޭޝަންސް ސީރީސް ކާމިޔާބު ވަނީ އެއްފަހަރު ކާމިޔާބުކޮށްދީފައެވެ.


2002 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ޗެތްރީ 2009 ވަނަ އަހަރު އިނގިރޭސި ޗެމްޕިއަންޝިޕްގެ ކުއީންސް ޕާކް ރޭންޖަރސް އަށް އޭނާ ސޮއިކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް، ވޯކް ޕާމިޓް ނުލިބުމުގެ ސަބަބުން އޭނާއަށް އެޓީމަށް ކުޅުމުގެ ފުރުސަތު ނުލިބޭ ކަމަށް ވަނީ ބުނެފައެވެ.


އެހެންނަމަވެސް އެމެރިކާގެ ކެންސަސް ސިޓީ ވިޒާޑްސް އާ 2010 ވަނަ އަހަރު ގުޅުނު ކަމަށާއި 2012 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިންގ ގެ ކޮންޓްރެކްޓެއްގައި ވެސް ޗެތުރީ ސޮއިކޮށް، ދެވަނަ ޑިވިޝަނުގައި ކުޅެފައިވާ ކަަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު