ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

3 months ago

އަފްރާހް

ރައީސްގެ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް މައުލުމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.


އެ ދަރިވަރުންނަށް ކިޔަވަން ދާއިރު، ސަމާލުވާން ޖެހޭ ބައެއް ކަންތައްތަކުގެ މައުލޫމާތު ދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން، މޯލްޑިވިސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި މި ސެޝަން ބާއްވާފައިވަނީ އެއްދުވަހަށެވެ.


މި ސެޝަންގައި ކެރިއަރ ގައިޑެންސާއި ކުރިމަގަށް ބޭނުންވާނެ ހުނަރުތައް ދެނެގަތުމުގެ ދާއިރާގައި ރާއްޖޭގެ މަޝްހޫރު ދެބޭފުޅުން ކަމުގައިވާ މުޙައްމަދު ޢާލިމްއާއި ޑރ. ސަނީ ޢުމަރާއެކު މަޝްވަރާކުރެވުނެވެ. އަދި އާޢިލާއާއި ދުރުގައި ހުރުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާއި ގުޅޭގޮތުން އެކަމުގެ ތަޖުރިބާކާރު ޙައްވާ ލީޝާއާއެކު މަޝްވަރާކުރެވުނެވެ.


މީގެއިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ބޭރުން ތަޢުލީމު ހާޞިލުކުރި ދަރިވަރުންގެތެރެއިން، މި އަހަރުގެ ސްކޮލަރޝިޕްތައް ލިބުނު ގިނަ ދަރިވަރުން ދާން ބޭނުންވާ ތިންގައުމަކުން ކިޔެވި ބައެއް ދަރިވަރުންގެ ތަޖުރިބާތައް ޙިއްސާކުރެއްވިއެވެ.


މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ، ކަމާއިގުޅުން ހުރި އެކަމަނާގެ ބައެއް ތަޖްރިބާތައް ހިއްސާކުރައްވަމުން ފަށްޓަވައިދެއްވި މި ސެޝަންގައި މިނިސްޓްރީގެ ސްކޮލަރޝިޕް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ މަރްޔަމް ސަމްރަތު، އެ ސެކްސަނުން ދަރިވަރުންނަށް ދޭ ޚިދުމަތްތައް ފަސޭހަކަމާއެކު މި ދަރިވަރުންނަށް ލިބޭނެގޮތްތަކާގުޅޭގޮތުން މަޢުލުމާތު ދެއްވިއެވެ.


މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ދޭ ޚިދުމަތްތައް ފަސޭހަކަމާއެކު މި ދަރިވަރުންނަށް ލިބޭނެގޮތްތަކާގުޅޭގޮތުން އެ އޮތޯރިޓީގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު މައުލޫމާތު ދެއްވާފައިވެއެވެ.


އެމް.އެން.ޔޫ ގެ ސެންޓްރަލް އޮޑިޓޯރިއަމްގައި މިއަދު ބޭއްވި މި ސެޝަންގައި ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްރަޙީމް ޙަސަނާއި، ޑރ. ޢަބްދު ފައިރޫޝާއި، އެހެނިހެން ބައެއް މުވައްޒަފުން ބައިވެރިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު